ސަން ސިޔާމް އޮޅުވެލި ރިސޯޓުން 24 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން މިއަދު 20 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެ ރިސޯޓުން ޕޮޒިޓިވްވި އެންމެންނަކީވެސް އެ ރިސޯޓުގެ މުވައްޒަފުން ކަމަށެވެ.
އެޗްޕީއޭ އިން ބުނީ ސަން ސިޔާމް އޮޅުވެލި ރިސޯޓުން ޓެސްޓުތަކެއް ހަދާފައިވަނީ އެ ރިސޯޓުގެ ތިން މުވައްޒަފަކު ޕޮޒިޓިވްވުމާ ގުޅިގެންނެވެ. އަދި ޕޮޒިޓިވްވި މީހުންގެ އެއް ކޮންޓެކްޓެއްވެސް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއާއެކު އެ ރިސޯޓުން މިހާތަނަށް ޖުމުލަ 24 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނީ އެ ރިސޯޓުން މިހާތަނަށް 167 ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 23 މީހެއްގެ ސާމްޕަލް ނަތީޖާ ނުލިބިވާ ކަމަށެވެ.
ސަން ސިޔާމް އޮޅުވެލި ރިސޯޓުގެ އިތުރުން ބިޔާދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފުންތަކެއް ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އެ ރިސޯޓުން މިހާތަނަށް 53 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވީ މާލެ ސަރަހައްދުން 19 މީހަކާއި އަތޮޅުތެރެއިން ތިން މީހަކާއި ރިސޯޓުތަކުން 28 މީހެކެވެ. ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 29 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 13،365 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 738 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 49 މީހަކު ވަނީ މަރުވެފައެވެ. އެއީ 42 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު