ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާންގެ މައްޗަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، ޝާންގެ މައްޗަށް ކުރީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ ކަމަށެވެ.
ޝާންއަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނެވެ.
ޕީޖީ އޮފީހުން ބުނީ ޝާންގެ މައްޗަށް ދައުވާކޮށް، އެ މައްސަލަ ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅީ މިމަހުގެ ހަ ވަނަ ދުވަހު ކަމަށެވެ.
ސަފާރީ ރޭޕް ކޭހުގެ މައްސަލައިގައި ޝާން އާއި އިތުރު ދެ މީހަކަށް ދައުވާކުރަން ޕީޖީއަށް ފޮނުވިއެވެ. ނަމަވެސް ހެކި ނެތުމުން ޕީޖީން ވަނީ އެ ދެމީހުންނަށް ދައުވާ ނުކުރުމަށް ނިންމައިފައެވެ. ޕީޖީން އެ ދެމީހުންނާއި ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.