ދ. ކުޑަހުވަދޫ ސަމަންދަރުގޭ އަލީ ހަސަން، 76، (އައްޔުބެ) މަރާލި މައްސަލާގައި ގާތިލުންގެ މައްޗަށް ހުކުމް ކަނޑައެޅުމުގެ ބާރު އޮތް ކުޑަކުއްޖާ ގެނބިގެން މަރުވެފައިވާ ކަން ހާމަވެއްޖެ އެވެ.

ޖެނުއަރީ، 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ، އަނިޔާވެރި ގޮތަކަށް އައްޔުބެ މަރާލުމަށް ފަހު ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު މައްސަލައިގައި ދެ ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން 2013 ގައި ވަނީ ހުކުމްކޮށްފައެވެ. އެކުދިންގެ ކުށް ސާބިތުވިޔަސް އައްޔުބޭގެ ވާރިސުންގެ ތެރޭގައި ހުރި ކުޑަކުއްޖަކު ބާލިޣު ވެ، މަރަށް މަރު ހިފުމާ މެދު ގޮތެއް ނިންމަންދެން، ކުށް ސާބިތުވި ދެ މީހުން ޖަލުގައި ބައިތިއްބަން ޖުވެނައިލް ކޯޓުން އޭރު އޮތީ އަމުރުކޮށްފައެވެ.

ކުށް ސާބިތުވި، މިހާރު 18 އަހަރު ފުރިފައި ތިބި އެ ދެ މީހުންގެ ތެރެއިން އެކެއްގެ މައްސަލައިގައި ހައި ކޯޓުން 2017 ވަނަ އަހަރު ވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ނިންމައި، ހުކުމް ބާތިލުކޮށްފަ އެވެ. ހައި ކޯޓުން އޭނާ މިނިވަންކުރީ އޭނާގެ ތަހުގީގަށް ދިން ބަޔާނުގައި އައްޔުބެ މަރާލުމުގައި ބައިވެރިވި ކަމަށް ސީދާ ބުނެފައި ނެތުމާއި އޭނާ އެކަމުގައި ބަައިވެރިވިކަމުގެ މައްޗަށް އިތުރު އެއްވެސް ހެއްކެއް ލިބިފައި ނެތުމުންނެވެ.

މި މައްސަލައިގައި ކުށް ސާބިތު ވި ދެ މީހުންގެ ތެރެއިން ބާކީ ހުރި މީހާގެ މައްސަލަ، އޭނާ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ.

މީގެ ކުރިން ބޭއްވި ޝަރީއަތްތަކުގައި އައްޔުބޭގެ ވާރިސުންގެ ތެރޭގައި ހިމެނޭ 10 މީހުންގެ ތެރެއިން މި ކުޑަކުއްޖާ ފިޔަވައި އެންމެން ބޭނުންވަނީ މަރަށް މަރު ހިފަންށެވެ. ނަމަވެސް މަރުގެ މައްސަލައަކަށްވާތީ މި މައްސަލައިގައި ހުކުމް ކުރުން ފަސް ކޮށްފައިވަނީ އައްޔުބޭގެ ވާރިސުންގެ ތެރޭގައި ހިމެނޭ ކުޑަކުއްޖާ އަށް 18 އަހަރުވެ ގިސާސް ހިފުމާމެދު ގޮތެއް ނިންމުމަންދެންނެވެ.

ނަމަވެސް މީގެ ދެއަހަރު ކުރިން އައްޔުބޭގެ ވާރިސުންގެ ތެރޭގައި ހިމެނޭ ކުޑަ ފިރިހެން ކުއްޖާ މަރުވެފައިވާކަން ވަނީ ހާމަވެފަ އެވެ. ކުޑަހުވަދޫ ކައުންސިލްގެ ކުރީގެ ރައީސް އަދި އަތޮޅު ކައުންސިލްގެވެސް ކުރީގެ ރައީސް އިސްމާއިލް ސައީދު މިއަދު "ވަން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އައްޔުބޭގެ ވާރިސުންގެ ތެރޭގައި ހިމެނޭ، އެ ރަށު ސަމަންދަރުގޭ، އަހުމަދު އަފްސަން، (17އ) 2018 ވަނަ އަހަރު ގެނބިގެން މަރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އަފްސަން އަކީ ޑައުންސިންޑްރޯމް ހުންނަ ކުއްޖެއް ކަމަށާއި އޭނާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ކަމަށެވެ.

އިސްމާއިލް ވިދާޅުވީ އައްޔުބޭގެ ވާރިސުންގެ ތެރޭގައި ހިމެނޭ އެކަކު މީގެ ކުރިން މަރަށް މަރު ހިފަން ބެނުންކަމަށް ކޯޓުގައި ބުނެފައި ވީނަމަވެސް މިހާރު އޭނާ ބަޔާން ބަދަލުކޮށް އައްޔުބެ މަރާލި ކަމުގެ ތުހުމަތު ކުރެވޭ ބައެއް މީހުންގެ ކިބައިން މަރަށް މަރުހިފަން ބޭނުން ނުވާ ކަމަށް ކޯޓަށް އަންގާފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި މީގައި މަރަށް މަރު ހިފުމަށް އޭނާ ބޭނުންވަނީ ހަގީގަތުގައިވެސް އައްޔުބެ މަރާލި މީހުންގެ ކިބައިން ކަމަށްވެސް ވިދާޅުވި އެވެ.

އައްޔުބެ އަކީ ދ. ގެމެންދޫން ކުޑަހުވަދުއަށް ހިޖުރަކުރި މީހެކެވެ. އޭނާ މަރާލާފައިވަނީ އިޝާ ނަމާދުން ފައިބައިގެން ގެއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ އެވެ. އައްޔުބެ މަރާލީ ސިހުރު ހަދާ ކަމަށް ތުހުމަތު ކޮށް ކަމަށް އޭރު ވާހަކަ ދެކެވުނެވެ.