ދުނިޔެ

އިންޑިއާގައި މިމަހުގެ 16 ވަނަ ދުވަހު ކޮވިޑް ވެކްސިން ދޭން ފަށަނީ

މުހައްމަދު އައުޒަމް

މިހާތަނަށް ހިންގާ އެންމެ ބޮޑު ވެކްސިނޭޝަން ޕްރޮގްރާމާއެކު އިންޑިއާއިން މިމަހުގެ 16 ވަނަ ދުވަހު ކޮވިޑް ވެކްސިން ދޭން ފަށަން ނިންމައިފިއެވެ.

1.3 ބިލިއަން އާބާދީގެ ތެރެއިން އަންނަ ޖުލައި އާ ހަމައަށް 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އަމާޒު ހިފައިފައިވާކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ވިދާޅުވެފައެވެ.

މޯދީ ވިދާޅުވީ ވެކްސިންގެ ހަރަކާތްތައް މުޅި އިންޑިއާގައި ކުރިޔަށް ދާނެކަމަށާއި އެންމެ އިސްކަން ދިނުމަށް ހަމަޖެހިފައިވަނީ އެގައުމުގެ ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިންނަށް ކަމަށެވެ. އެއަށްފަހު ފްރަންޓްލައިންގެ މަސައްކަތްތެރިންނަށް ވެކްސިން ދިނުމަށް ނިންމާފައިވާކަމަށް ބޮޑުވަޒީރު ވިދާޅުވެފައިވެއެވެ.

އިންޑިއާ ވެފައިވަނީ މުޅި ދުނިޔެއިންވެސް މިހާތަނަށް އެންމެ ގިނަ ކޮވިޑް ކޭސްތައް ފެނިފައިވާ ދެވަނަ ގައުމު ކަމުގައެވެ. އެގައުމުން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 10 މިލިއަނަށްވުރެ ގިނަވެފައިވާއިރު 150،000 އަށްވުރެން ގިނަ މީހުން މިހާތަނަށް މަރުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.

ކޮވިޑުން ރައްކާތެރިވުމަށް އަޅާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން އިންޑިއާއިން ވަނީ އެގައުމުގައި އުފައްދާފައިވާ އޮކްސްފޯޑްގެ އެސްޓްރާޒެނެކާ އާއި އިންޑިއާގެ ބާރާތު ބަޔޯޓެކް އިން އުފައްދާފައިވާ ކޮވިޝީލްޑް ބޭނުންކުރުމުގެ ހުއްދަ ދީފައެވެ.