އިދިކޮޅު ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ މައްޗަށް އުފުލާފައިވާ ދައުވާގެ ފުރަތަމަ ޝަރީއަތް މިމަހުގެ 31 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ.
އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހަޑިހުތުރު އެއްޗިހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާ އެވެ. އެ ދައުވާ އަދުރޭގެ މައްޗަށް އުފުލާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިސަރު އަމާން މުހައްމަދު "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 31 ވަނަ ދުވަހުގެ ހެނދުނު 9:00 ޖަހާއިރަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށެވެ. މިއީ އެ މައްސަލައާ ގުޅިގެން ބާއްވާ ފުރަތަމަ އަޑުއެހުން ކަމަށް ވެސް ވިދާޅުވި އެވެ.
ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ) ގެ ތިންވަނަ ނަމްބަރުގައި ވާގޮތުން ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމާއި ހަޑި ހުތުރު އަމަލުތައް ކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމެވެ. އަދި އެއީ ކުށެކެވެ. އެ ކުށަކީ ޖުނަހުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ.
އެ ކުށަށް ކަނޑައެޅޭ އެންމެ ބޮޑު އަދަބަކީ ތިން މަހަށް ޖަލަށް ލުމެވެ. އަސާސީ މިންގަނޑުން އަދަބު ކަނޑައަޅާނަމަ އަންނާނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް މިންގަނޑުން ނަމަ ނުވަ ދުވަހުގެ ޖަލު ހުކުމެވެ. ކުށަށް އަދަބު ކަނޑައަޅާއިރު ކުށުގެ ބާވަތަށާއި ކުށުގެ ރެކޯޑަށް ބަލާނެ އެވެ. މީގެ ކުރިން އެފަދަ ކުށެއް ކޮށް ސާބިތުވެފައި ނުވާ ނަމަ އަދަބު ކުޑަވާނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު