ޚަބަރު

ސްކޫލް ގަޑީގައި އެ ސަރައްހައްދުތަކުގައި މުދާ އުފުލުން މަނާކޮށް، ގަޑިތަކަށް ބަދަލު ގެނެސްފި

ރިފާ ހަލީލު

މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވުމާއެކު މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ މާލެ އާއި ހުޅުމާލޭގައި މުދާ އުފުލޭ ގަޑިތަކަށް ބަދަލު ގެނެސްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސްކޫލްތަކުގެ ސެޝަންތައް ފަށާގަޑި އާއި ނިމޭގަޑީގައި، ސްކޫލްތައް ހުންނަ ސަރަހައްދުތަކުގައި މުދާ އުފުލާ ބޭލުމަކީ މަނާ ކަމެއް ކަމަށެވެ.

މި ބަދަލާއެކު މާލެ ހުޅުމާލެ ގުޅުވައިދޭ ބުރިޖުމަތިން މުދާ އުފުލޭނެ ގަޑިތަކަށްވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން، މާލެ، ހުޅުމާލެ އަށް ގަނޑުކޮށް އުފުލާ ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އަދި އިމާރާތްކުރުމަށް ބޭނުންކުރާ ގާ ފަދަތަކެތި ހަވީރު 06:00 އިން ހެނދުނު 6:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި އުފުލޭ ގޮތަށް ވަނީ ހަމަޖއްސާފަ އެވެ. އަދި މާލެ އާއި ހުޅުމާލޭގައި ދުއްވާ 350 ކިލޯއިން ފެށިގެން ދަށުގެ ޕިކަޕު 24 ގަޑިއިރު މާލެތެރޭގައި ޑެލިވަރީ ކުރުމާއި ހުރިހާ ބާވަތެއްގެ މުދާ އުފުލުމުގައި ހަރަކާތްތެރި ވެވޭ ގޮތަށް ވަނީ ބަދަލު ކޮށްފަ އެވެ.

އެ މިނިސްޓްރީން ބުނީ ހެނދުނު 9:00 އިން ހެނދުނު 11:30 އަށް އަދި މެންދުރު 01:30 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެނާއި ގޭސް ފިޔަވާ އެހެނިހެން މުދާ އުފުލޭނެ ކަމަށެވެ. އެކަމަކު ހެނދުނު 11:30 އިން މެންދުރު 01:30 އަށް 350 ކިލޯއިން ފެށިގެން މަތީގެ އެއްވެސް އުޅަނދުގައި މުދާ އުފުލުން މަނާވާނެ ކަމަށެވެ. އަދި ހަވީރު 06:00 އިން ހެނދުނު 06:00 އަށް ހުރިހާ ގިންތިއެއްގެ އުޅަނދުގައި ފެން އަދި ގޭސް އުފުލޭނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ބުރިޖުމަތިން ހުޅުމާލެއަށް މުދާ ގެންދިއުމަށް، ދެ ޓަނުން ދަށުގެ އުޅަނދަށް 24 ގަޑިއިރު ބުރިޖުމަތިން އުފުލޭގޮތަށް ހަމަޖައްސާފައިވީ ނަމަވެސް މިފަދަ އުޅަނދު ދަތުރުކުރަން ވާނީ ހަމައެކަނި ބޮޑުތަކުރުފާނު މަގުން ކަމަށެވެ. އަދި ދެ ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ހަވީރު 06:00 އިން ހެނދުނު 06:00 އަށް މުދާ އުފުލޭނެ ކަމަށްވެސް ބުނެފައިވެ އެވެ.