ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރިފާ ހަލީލު

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ، ކޮވިޑް-19އިގެ އަލާމާތްތަކެއް ހުރެގެން އިއްޔެގެ ވަގުތެއްގައި އަބްދުﷲ ޝަމާލް، ކޮވިޑަށް ޓެސްޓު ކުރުމުން ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިވަގުތު އޭނާ ހުންނެވީ އަމިއްލަ ގޭގައި އައިސޮލޭޓްވެވަޑައިގެން ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރަށް އާޒިމް ވިދާޅުވީ ޝަމާލް ޕޮޒިޓިވް ވުމާއި ގުޅިގެން ކަރަންޓީނު ކުރަން ޖެހޭ ފަރާތްތައް މިހާރު ކަރަންޓީނު ކޮށްފައިވާ ކަމަށާއި ހިސްޓްރީ އަށް ބަލާއިރު އެއްވެސް އާންމު އެއްވުމެއްގައި ބައިވެރިވެވަޑައިގެންފައި ނުވާ ކަމަށެވެ. އަދި ރާއްޖެއިން ބޭރަށްވެސް ވަޑައިގެންފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވީ ޖުމުލަ މީހުންގެ އަދަދު 14،065 އަށް އަރާފައިވާ އިރު، ރާއްޖޭގައި މިހާރު ކޮވިޑަށް ފަރުވާދެމުން އަންނަނީ 701 މީހަކަށެވެ. އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 47 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން 49 މީހަކު ވަނީ މަރުވެފައެވެ. އެއީ 42 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.