ގއ. ދެއްވަދޫން ލ. ފޮނަދޫއަށް ދިޔަ ހަތަރު މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމުން، ފޮނަދޫ އާއި ލ. ގަން މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ދެއްވަދޫން ފޮނަދޫއަށް ދިޔަ ހަތަރު މީހެއްގެ ފަރާތުން ކޮވިޑުގެ އަލާމާތްތައް ހުރެގެން ޕީސީއާރު ޓެސްޓް ހެދިއިރު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިން ނިމެންދެން ފޮނަދޫ އާއި ގަން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.
ފޮނަދޫ ހެލްތު ސެންޓަރުން ބުނީ އެމީހުން ފޮނަދޫއަށް ގޮސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ކަމަށެވެ. އެމީހުންގެ އަލާމާތްތައް ހުރެގެން ޓެސްޓް ކޮށްފައިވަނީ މިއަދު ކަމަށް ވެސް ބުންޏެވެ.
ދެއްވަދޫން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. އެ ދުވަހު ހޯމް ކަރަންޓީނުގައި ތިބި ތިން މީހަކު ޕޮޒިޓިވްވި އިރު، އޭގެ ތެރޭގައި ހަތަރު މަހުގެ ތުއްތު ކުއްޖަކު ހިމެނެއެވެ. އޭގެ ފަހުން އެރަށުން އިތުރު ހަތް މީހަކު ޕޮޒިޓިވްވެ، އެރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ ދިހައަކަށް އަރައިފަ އެވެ.
ދެއްވަދޫން ޕޮޒިޓިވް ކޭސްތަކެއް ފެނުނުއިރު އެކަމުގައި އަތޮޅު ހޮސްޕިޓަލުގެ އިހުމާލެއް އޮތް ކަމަށް އަޑުފެތުރުނެވެ.
ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގް "ވަން" އަށް ވިދާޅުވީ އެންމެ ފުރަތަމަ އެރަށުން ޕޮޒިޓިވްވި ކުޑަކުއްޖާ ހޯމް ކަރަންޓީނުގައި ހުރި ދުވަސްވަރު ޓެސްޓު ހެދުމަށްފަހު، ގއ. ހޮސްޕިޓަލުން އެކުއްޖާ ޕޮޒިޓިވް ނުވާ ކަމަށް އަންގާފައިވާ ކަމަށެވެ. އޭގެ ފަސް ވަރަކަށް މިނެޓް ފަހުން އެކުއްޖާގެ ނަތީޖާ ނުލިބޭ ކަމަށް އެންގި ކަމަށާއި ނަމަވެސް ފަހުން އެ ކުއްޖާ ޕޮޒިޓިވް ވެފައިވާ ކަމަށް އެންގި ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްއީއޯސީގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ގއ. ދެއްވަދޫގައި ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު އެކަމުގައި ގއ. އަތޮޅު ހޮސްޕިޓަލުގެ އިހުމާލެއް އޮތްތޯ ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު