އާ އަހަރާއެކު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު އިތުރުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިން ހޭދަކުރާ ރޭގެ އަދަދު ވަނީ އެވްރެޖްކޮށް 10 ދުވަހަށް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ ތެރޭގައި ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި ހޭދަކޮށްފައިވަނީ 7.8 ދުވަހެވެ.
ވޭތުވެދިޔަ ތިން މަހަށް ވަކިވަކިން ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ފަތުރުވެރިން އެވްރެޖްކޮށް 9.1 ދުވަސް ރާއްޖޭގައި ހޭދަކުރި އެވެ. ނޮވެމްބަރު މަހު މަހު އެ އަދަދު 8.9 ދުވަހަށް ދަށްވުމަށްފަހު އޮކްޓޯބަރު މަހު ފަތުރުވެރިން އެވްރެޖްކޮށް 9.6 ދުވަސް ރާއްޖޭގައި ހޭދަކުރި އެވެ.
މިިދިޔަ އަހަރުގެ ތެރޭގައި ފަތުރުވެރިން ހޭދަކުރާ ރޭގެ އަދަދު އެންމެ އިތުރުވީ ޖުލައި މަހުގެ ތެރޭގަ އެވެ. އެގޮތުން ކޮވިޑަށްފަހު ރާއްޖޭގެ ބޯޑަރު ޖުލައި 15ގައި ހުޅުވި ފަހުން އެ މަހުގެ ނިޔަލަށް ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި 14.1 ދުވަސް ހޭދަކޮށްފައިވެ އެވެ.
ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އާ އަހަރުގެ ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ރާއްޖެއަށް 20،612 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ.
އެގައުމުން މިއަހަރުގެ ފުރަތަމަ ހަ ދުވަހުގެ ތެރޭގައި 5،331 ފަތުރުވެރިން އައިސްފައިވެ އެވެ. ދެވަަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ. އެގައުމުން 1،816 ފަތުރުވެރިން އައިސްފައިވާއިރު ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ޔުކްރެއިނުން ރާއްޖެ އައިސްފައިވަނީ 1،779 ފަތުރުވެރިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު