ރިޕޯޓް

ދަރިވަރުންނާއި ބެލެނިވެރިން އުފަލުން، ރައްކާތެރިކަން ރަނގަޅު

އަހުމަދު ސާއިލް އަލީ

ދަރިވަރުންނާއި ބެލެނިވެރިންގެ މޫނުމަތިން ފެންނަނީ އުޖާލާ ކަމާއި އުފާވެރި ކަމެވެ. ހައެއްކަ މަސް ފަހުން ސްކޫލްތަކުގައި އާއްމު އުސޫލުން ކިޔަވައިދޭން ފެށުމުގެ ހިތްހަމަ ޖެހުމެވެ. ސްކޫލްތަކަށް މިއަދު ގިނަ ދަރިވަރުންތަކެއް ދިޔައީ އެ އުންމީދުގަ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ތައުލީމު ހާސިލު ކުރުމަށެވެ.

މުޅި ރާއްޖޭގައި ވެސް އަލުން ސްކޫލްތައް މިއަދު ހުޅުވިއިރު ސްކޫލްތަކަށް ކުދިން ވައްދަނީ ހުން ބެލުމަށް ފަހުގަ އެވެ. ބަލި ނުފެތުރޭނެހެން ސްކޫލްތަކުގެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ. އެ އިންތިޒާމުތަކާމެދު ގިނަ ބެލެނިވެރިން ތިބީ ހިތްހަމަ ޖެހިގެންނެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ސްކޫލްތައް ބަންދު ކުރުމަށް ފަހު، އަދި އާއްމުކޮށް ކިޔަވައިދިން ގޮތަށް މާލޭގައި ކިޔަވައި ދެވޭ ވަރެއް ނުވެ އެވެ. މިދިޔަ އަހަރު ފަހުކޮޅު މާލޭގައި ވެސް ބައެއް ގްރޭޑްތަކަށް ސްކޫލްތައް ހުޅުވި ނަމަވެސް ކިޔަވައިދިނުމަށް ދަތިތަކާ ކުރިމަތިވި އެވެ. މިއަދު މި ފެށީ މިދިޔަ އަހަރު ފެށި ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގެ ކިޔެވުމެވެ. މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށަން ނިންމާފައިވަނީ އޯގަސްޓް 10ގަ އެވެ.

ސްކޫލްތަކަށް ގިނަ ބެލެނިވެރިން ކުދިން ފޮނުވި ނަމަވެސް ދަރިވަރުން ފޮނުވަން ޖެހިލުންވާ ބެލެނިވެރިން މަދުން ނަމަވެސް އުޅެ އެވެ. ސްކޫލްތައް ފެށިގެން ކުރިއަށް ދާގޮތެއް ބެލުމަށް ފަހު ނޫނީ ދަރިވަރުން ނުފޮނުވަން ތިބި ބެލެނިވެރިން ވެސް އެބަތިއްބެވެ. މިދިޔަ އަހަރު ފަހުކޮޅު ސްކޫލްތައް ހުޅުވާލިއިރު ވެސް ކުދިން ސްކޫލަށް ވެއްދުމުގަޔާއި ސްކޫލްގެ ތެރޭގައި ގެންގުޅުމުގައި އަމަލުކޮށްފައިވަނީ ރަނގަޅު އުސޫލަކަށެވެ. އެޗްޕީއޭއިން ވެސް ވަނީ ސްކޫލު މާހައުލު ވަރަށް ރައްކާތެރިކަމަށް ބުނެފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސްކޫލުން ކުއްޖަކު ޕޮޒިޓިވް ވެ އެހެން ކުދިންތަކަކަށް ނުވަތަ ޓީޗަރުންތަކަކަށް ބަލިޖެހުން ފަދަ ކަމެއް ދިމައެއް ނުވެ އެވެ.

ދަރިވަރުން ސްކޫލަށް ވެއްދުމުގެ ކުރިންނާއި ސްކޫލްގައި އުޅޭއިރުވެސް ގަވައިދުން ހުން ބަލަން ވަނީ އަންގައިގަ އެވެ. އަދި ކުދިން ސްކޫލްގައި ތިބެން ޖެހެނީ ގައިދުރުކަން ބަހައްޓައިގެން މާސްކް އަޅައިގެންނެވެ. ކުދިން އާއްމުކޮށް އަތްލާ ތަންތަން ގަވައިދުން ޑިސްއިންފެކްޓް ކުރަން ވަނީ ނިންމައިފަ އެވެ. އަދި ކުއްޖެއްގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ އެ ކުއްޖަކު އެކަހެރި ކުރުމަށް އައިސޮލޭޝަން ރޫމެއް ކޮންމެ ސްކޫލެއްގަވެސް ވަނީ ހަދައިފަ އެވެ.

ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއެކޭ އެއްގޮތަށް އަޅާފައި ހުރީ ވަރަށް ރަނގަޅަށް. ބަލި ފެތުރެން ފުރުސަތު ނުލިބޭނެ ގޮތަށް. ސާފުތާހިރުކަމާއި ގައިދުރުކަން ބަހައްޓައިގެން އުޅުންފަދަ ރަނގަޅު ފިޔަވަޅުތަކެއް ވަނީ އަޅައިފައި. އޭގެ ނަތީޖާ ވެސް ރަނގަޅު ނޫންތޯ؟ މިހާތަނަށް ނެތެއް ނޫންތޯ ސުކޫލަކުން ކުއްޖަކު ޕޮޒިޓިވް ވެފައެއް،
ބެލެނިވެރިއެއް

އޮންލައިން ކްލާސްތަކަށް ބަރޯސާވުން ދޫކޮށް ކުދިން ސްކޫލަށް ގެންގޮސް މިއަދު ކިޔަވައި ދޭން ފަށާފައި މިވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅުމަށް ފަހުގަ އެވެ.

ކިޔަވައިދިނުން ފަށާފައި މިވަނީ ގްރޭޑް ކްލާސްތަކަށް ހަފްތާގެ ރަސްމީ ކޮންމެ ދުވަހަކު ހަތަރު ގަޑިއިރު ނުވަތަ ފަސް ގަޑިއިރު ކިޔަވައިދޭ ގޮތަށެވެ. އެގޮތުން އެ ގްރޭޑްތަކަށް ހަފްތާއަކު 25 ޕީރިއަޑް ނަގައިދޭން ވަނީ އަންގައިފަ އެވެ. ޕްރީ ސްކޫލް ކުދިންނަށް ހަފްތާއެއްގެ ރަސްމީ ދުވަސް ދުވަހު ކޮންމެ ދުވަހަކު މަދުވެގެން ދެ ގަޑިއިރަށް ކިޔަވައި ދޭން ވަނީ އަންގައިފަ އެވެ.

ސްކޫލަށް އަދި ދާން ނުޖެހޭ ކީ ސްޓޭޖްގެ ދަރިވަރުންނަށް އޮންލައިން ކްލާސްތައް މަޖުބޫރެވެ. އަދި ސްކޫލަށް ދާން ޖެހޭ ގްރޭޑް ކްލާސްތަކުގެ ދަރިވަރުންނަށް ވެސް އޮންލައިން ކްލާސްތައް ސްކޫލުން ކުރިއަށް ގެންދާނަމަ ބައިވެރިވުން މަޖުބޫރެވެ.

ބޮޑު ޗުއްޓީއަކަށް ފަހު މިއަދު ސްކޫލްތައް ހުޅުވީ އެ ރަށެއްގެ ސިއްހީ ހާލަތު އޮތްގޮތް ބެލުމަށް ފަހުގަ އެވެ. ލޮކްޑައުން ކުރާނަމަ އެ ރަށެއްގެ ސްކޫލްތައް ބަންދު ކުރަން ވަނީ ނިންމައިފަ އެވެ. މޮނިޓަރިންގެ ހާލަތަށް އެ ރަށެއް ގެންގޮސްފިނަމަ ހެލްތު އެޗްޕީއޭގެ ލަފާގެ މަތިން ނޫނީ ކިޔަވައިދިނުން ކުރިއަށް ނުގެންދަން ވަނީ ނިންމައިފަ އެވެ.

މި ވަގުތު މުހިންމީ މި އޮތް ހާލަތާ އެކު ކުރިޔަށް ދިއުމެވެ. ސްކޫލު މާހައުލު މި އޮތީ ދަރިވަރުންނަށް ފަހިކޮށެވެ. ރައްކާތެރިކަމާ އެކު ކިޔެވުމުގެ ކަންކަން ކުރިޔަށް ގެންދެވޭނެ ގޮތަށެވެ. މި ވަގުތު އެންމެ އިސްކަމެއް ދީގެން ކުރާން ޖެހޭ ކަމަކީ ދަރިވަރުން ސްކޫލަށް ފޮނުވުމެވެ. އެކަމަށް ފަރުވާކުޑަ ނުކުރުމެވެ.