ތިލަފުއްޓާއި ގުޅިފަޅުން ވަގުތީގޮތުންނާއި އެހެނިހެން ބޭނުންތަކަށް ބިން ދޫކުރުން މެދުކަނޑާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު އިއުލާނެއްގައި ބުނީ އެޗްޑީސީ އާއި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އެއްކޮޅުމާ ގުޅިގެން ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅު ހިމެނޭގޮތަށް ގްރޭޓާ މާލެ ސަރަހައްދު ތަރައްގީކުރަން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ސަރުކާރުގެ މަޝްވަރާއާއި ލަފާގެ މަތިން އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށެވެ.

ތިލަފުއްޓާއި ގުޅިފަޅުން ބިން ދޫކުރުން ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވަނީ އުސޫލުތަކާއި ގަވާއިދުތައް މުރާޖައާކުރުމުގެ މަސައްކަތްތަކާއި މިވަގުތު ދޫކޮށްފައިވާ ބިންތަކުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ ކަމަށް އެޗްޑީސީން ބުނެއެވެ.

"ތިލަފުށި އަދި ގުޅިފަޅުން ބިން ދޫކުރުމާއި ބިން ބޭނުންކުރުމަށް އެކުލަވާލެވިފައިވާ އުސޫލުތަކާއި ގަވާއިދުތައް މުރާޖައާކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީއާއި، މިވަގުތު ދޫކޮށްފައިވާ ބިންތަކުގެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާތީ، ވަގުތީގޮތުންނާއި އެހެނިހެން ބޭނުންތަކަށް ތިލަފުށި އަދި ގުޅިފަޅުން ބިން ދޫކުރުން ވަގުތީގޮތުން މެދުކަނޑާލަން މި ކޯޕަރޭޝަނުން ނިންމާފައިވާކަން އާންމުކޮށް އަންގާ އިއުލާންކުރަމެވެ..،" އެޗްޑީސީގެ އިއުލާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ އިތުރަށް ދޫކުރެވެން ހުރި ބިންތައް ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކޮށް ނިމުމުން އެ ބިންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.