ކޮވިޑް 19އާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގައިޑްލައިންތަކަށް މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކުން އަމަލުކުރޭތޯ ބެލުމަށް އިންސްޕެކްޝަން ފަށައިފިއެވެ.

ކޮވިޑް 19އާ ގުޅިގެން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވުމުގެ ހުއްދަ ދިނީ މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ، މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކުން އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކުރޭތޯ ބެލުމަށް އިންސްޕެކްޝަނެއް އިއްޔެއިން ފަށައިގެން ކުރިއަށްދާ ކަމަށެވެ.

"އެގޮތުން 6 ޖެނުއަރީގައި 12 ގެސްޓްހައުސް، އެއީ މާލޭގެ އަދި 7 ޖެނުއަރީގައި ހުޅުމާލޭގެ 18 ގެސްޓްހައުސްތަކުގައި ވަނީ އިންސްޕެކްޝަން ގެންދެވިފައި،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މިހާތަނަށް އިންސްޕެކްޓް ކުރެވުނު ގެސްޓްހައުސްތަކުން ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމާއެކު މިހާރު ވަނީ މަދު ގެސްޓްހައުސެއް ފިޔަވައި އެހެން ހުރިހާ ގެސްޓްހައުސެއް ހުޅުވައިފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މާލޭ ސަރަހައްދުގައި އެކަނިވެސް 2،500 ޓޫރިސްޓު އެނދު އެބަހުއްޓެވެ.