ބިޔާދޫ އައިލެންޑް ރިސޯޓުން 17 މީހަކު އަދި ސަފާރީއަކުން 24 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ބިޔާދޫން ފުރަތަމަ ކޭސްއެއް ޕޮޒިޓިވްވީ މިމަހުގެ އެއްވަނަ ދުވަހު ކަމަށާއި އެމީހާ ޕޮޒިޓިވްކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރެގެން މާލެ އައިސް ޓެސްޓު ކުރުމުން ކަމަށެވެ. ފުރަތަމަ ޕޮޒިޓިވްވީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެ ކޭސްއާ ގުޅިގެން އެރަށުގައި ނެގި 33 އެކްޓިވް ސާމްޕަލްގެ ތެރެއިން 15 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުންވެސް 71 ސާމްޕަލް ނެގިފައިވާ ކަމަށް ވިދާޅުވިއެވެ.

"އޭގެ ފަހުން ކަރަންޓީންގައި އެރަށުގައި ހުރި މީހެއް މިމަހުގެ ދެވަނަ ދުވަހު ޕޮޒިިޓިވްވެފައިވޭ. މިވަގުތު އެހެންކަމުން އެރަށުގައި 17 ޕޮޒިޓިވް އެބައުޅޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ، އެމްޕެރާ އެކްސްޕްލޯރާ ކިޔާ ސަފާރީއަކުންވެސް 24 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ކުރޫއިންނާއި 22 ފަތުރުވެރިން ކަމަށް ވިދާޅުވިއެވެ.