ގއ. ދެއްވަދޫން ހަތް މީހަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގް "ވަން" އަށް ވިދާޅުވީ އެންމެ ފުރަތަމަ އެރަށުން ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ހުރި ހަތަރު މަހުގެ ކުޑަ ކުއްޖެއް ކަމަށާއި އެއީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
ތައުފީގް ވިދާޅުވީ އެކުޑަކުއްޖާ ހޯމް ކަރަންޓީނުގައި ހުރި ދުވަސްވަރު ޓެސްޓް ހެދުމަށްފަހު، ގއ. ހޮސްޕިޓަލުން އެކުއްޖާ ޕޮޒިޓިވްނުވާ ކަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަސް ވަރަކަށް މިނެޓް ފަހުން އެކުއްޖާގެ ނަތީޖާ ނުލިބޭ ކަމަށް އެންގި ކަމަށެވެ. އަދި އެވަގުތުގައި ކުޑަކުއްޖާގެ އާއިލާގެ މެންބަރަކު އޭނާއާ ކޮންޓެކްޓްވި ކަމަށާއި ފަހުން އެ ކުއްޖާ ޕޮޒިޓިވްވެފައިވާ ކަމަށްވެސް ތައުފީގް ވިދާޅުވިއެވެ.
ތައުފީގް ވިދާޅުވީ އެ ކުޑަކުއްޖާއާ ކޮންޓެކްޓްވި މީހާ ޕޮޒިޓިވްވީ އިއްޔެ ކަމަށާއި އެ މީހާއާ ކޮންޓެކްޓްވި މީހުންގެ ތެރެއިން ބަލީގެ އަލާމާތް ހުރިކަމަށް ޝައްކު ކުރެވިގެން ޓެސްޓް ކުރި ހަ މީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ތައުފީގް ވިދާޅުވިއެވެ.
އެ ހަތް މީހުން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ރަށް މޮނީޓަރިންނަށް ގެނެސްފައިވާ ކަމަށާއި އަދި މީގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ އިތުރު ތިން މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތައުފީގް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި އެގޮތުން އެ ހަތް މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 200 އަށްވުރެ ގިނަ މީހުން އުޅޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކަކީ މަހަށްދާ މީހެއް ކަމަށާއި އެ ދޯނިން 28 މީހުން މަހަށްދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތައުފީގް އިތުރަށް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ރަށުގައި އަޅާފައިވާ ކަަމަށާއި ބޭރަށް ނުކުމެ އުޅުމުގައި ސަމާލުވުމަށްވެސް އަންގާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު