ކޮވިޑަށް ފަރުވާ ހޯއްދަވަމުން ދަނިކޮށް، ކުރީގެ ފަނޑިޔާރު މުޖުތާޒް ފަހުމީ އަވަހާރަވެއްޖެއެވެ.

މުޖުތާޒް ކޮވިޑަށް ޕޮޒިޓިވްވީ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް ލ. އަތޮޅަށް ވަޑައިގެން ހޯމް ކަރަންޓީނުގައި ހުންނަވަނިކޮށެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ހުން އަންނާތީ ކޮވިޑަށް ޓެސްޓުކުރުމުން މިމަހުގެ ތިންވަނަ ދުވަހުއެވެ.

އުމުރުން 60 އަހަރުގެ މުޖުތާޒް އަވަހާރަވެފައިވާކަން އޭނާގެ ކޮއްކޮ އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ކުރެއްވި ޓުވީޓެއްގައި ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. އިންތި ވިދާޅުވީ މުޖުތާޒް އަވަހާރަވީ ދަންވަރު 2:00 ގައި ކަމަށެވެ.

ލ. ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާދިނުމަށްފަހު އިތުރު ފަރުވާއަށް އިއްޔެ ހަވީރު މުޖުތާޒް މާލެ ގެނެސް، ފަރުވާދީފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ. މުޖުތާޒް އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ ބޭފުޅަކަށްވާތީ ކަމަށް އޭނާގެ އާއިލާގެ ފަރާތުން މައުލޫމާތުދެއެވެ.

ޝަރުއީ ދާއިރާގައި އެތައް އަހަރެއް ހޭދަކުރައްވާފައިވާ މުޖުތާޒް ވަނީ ސެޕްޓެމްބަރު 2008 އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން 2010 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވައިފައެވެ. މުޖުތާޒް މިހާރު ހުންނެވީ ރިޓަޔާ ކުރައްވައިފައެވެ.

ކޮވިޑް ބަލީގައި މުޖްތާޒް އަވަހާރަވުމާއެކު، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިވަނީ 49 އަށް އަރައިފައެވެ. މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފައިވަނީ 42 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.