ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން އަންނަ އާދީއްތަ ދުވަހު ފެށިގެންދާއިރު ބޭބީ ނާސަރީ އާއި ނާސަރީ ދަރިވަރުންގެ ކިޔެވުން ވެސް ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވަނީ، އެކެޑަމިކް ކަލަންޑަރުގައިވާ ފަދައިން އަންނަ އާދީއްތަ ދުވަހު 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފަށާނެ ކަމަށެވެ. އަދި އެ ދުވަހު ކިޔެވުން ފަށާނީ އެލްކޭޖީން ފެށިގެން ގްރޭޑް 12 ގެ ހުރިހާ ދަރިވަރުންނަށް ކަމަށް ބުންޏެވެ.

ނަމަވެސް އެ މިނިސްޓްރީން މިއަދު ބުނީ، އަންނަ އާދީއްތަ ދުވަހު ބޭބީ ނާސަރީ އަދި ނާސަރީގެ ދަރިވަރުންގެ ކިޔެވުން ވެސް ފަށަން ނިންމާފައިވާ ކަމަށެވެ. 2020-2021 ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ މުއްދަތަކީ 10 ޖަނަވަރީން ފެށިގެން 24 ޖޫންގެ ނިޔަލަށެވެ.

ދެވަނަ ޓާމުގެ ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެޑިއުކޭޝަން މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ބުނެފައިވާ ގޮތުން، ކީ ސްޓޭޖް ދަރިވަރުންނާއި ފައުންޑޭޝަންގެ ދަރިވަރުން ހަފްތާއަކު ފަސް ދުވަހު ސްކޫލަށް ހާޒިރުވާންޖެހޭނެ އެވެ.

ކޮންމެ ދުވަހަކުވެސް ސްކޫލުގައި ކިޔަވައިދޭނީ ފަސް ގަޑިއިރެވެ. އެ ފަސް ގަޑިއިރުގެ ތެރެއިން ވެސް އެއް ގަޑިއިރު ދަރިވަރުން އެކިއެކި ހަރަކާތްތަކަށް ހާއްސަ ކުރާނެ އެވެ. އަދި ސްކޫލްތައް ހުޅުވައި ކިޔަވައިދިން ނަމަވެސް އޮންލައިންކޮށް ވެސް ކުލާސްތައް ނަގަމުންދާނެ އެވެ.

އެ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ދަރިވަރުން ސްކޫލަށް ވައްދާނީ ހުން ބެލުމަށްފަހުގައި ކަމަށެވެ. އަދި ސްކޫލު އަލުން ހުޅުވުން ބަހާލާފައިވަނީ ތިން ފިޔަވައްސަކަށެވެ. ފުރަތަމަ ކެޓަގަރީގައި، ކޮވިޑާ ގުޅިގެން ލޮކްޑައުން ކޮށްފައިވާ ރަށްރަށުގެ ސްކޫލުތައް ބަންދުވާއިރު، ދެ ވަނަ ކެޓަގަރީގައި މޮނިޓަރިންގެ ހާލަތުގައި ހުރި ރަށްރަށުގައި ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސަން ނިންމާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިންނެވެ.