ކޮވިޑް 19އާ ގުޅިގެން ރާއްޖެއަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށާއި އިމަޖެންސީތަކަށް މިހާރަށް ވުރެ ރަނގަޅަށް ތައްޔާރުވުމަށްޓަކައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގުޅިގެން އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ) ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

އީޔޫއިން އިން ބުނީ މި އެހީ ބޭނުންކުރާނީ ކޮވިޑް ޖެހޭ މީހުން ބެލެހެއްޓުމުގެ ކަންތައްތައް މިހާރަށް ވުރެ ހަރުދަނާ ކުރުމަށް ކަމަށެވެ. ޑަބްލިޔުއެޗްއޯއިން ބުނީ، އެ އެހީގެ ދަށުން ރީޖަނަލް އައިސީޔޫއެއް ގާއިމުކުރުމާއި ހުޅުމާލެ އައިސޮލޭޝަން ފެސިލިޓީ އާއި އެހެން ރީޖަނަލް އައިސީޔޫތަކަށް ބޭނުންވާ ބޭހާއި އިތުރު މެޑިކަލް ސަޕްލައި ފޯރުކޮށްދިނުމަށް ހަރަދުކުރާނެ ކަމަށެވެ.

އީޔޫއިން ރާއްޖެ އާއި ސްރީލަންކާއަށް ކަނޑައަޅާފައިވާ އެކްޓިން އެމްބެސެޑަރު އެޗްއީ ޑެނިސް ޗައިބީ ވިދާޅުވީ، އީޔޫގެ އެހީއާއެކު ސިއްހީ ނިޒާމު ހަރުދަނާވެގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ރާއްޖެ އަަންނަ ފަތުރުވެރިންނަށާއި ދިވެހިންނަށްވެސް ފައިދާވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އީޔޫގެ އެހީއަކީ ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަންނަން އެކި ގައުމުތަކަށް އީޔޫއިން ވަމުން އަންނަ އެހީތަކުގެ ތެރެއިން ރާއްޖެއަށް ފޯރުކޮށްދިން އެހީއެއް ކަމަށެވެ.

އީޔޫއާއި ޑަބްލިޔުއެޗްއޯ ގުޅިގެން ރާއްޖެއަށް އެހީ ފޯރުކޮށްދީފައިވާތީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ އެ ދެ ޖަމިއްޔާއަށް ޝުކުރު އަދާކުރައްވައިފައެވެ. މިނިސްޓަރު ވިދާޅުވީ، ކޮވިޑާ ދެކޮޅަށް ރާއްޖެއިން ކުރަމުން އަންނަ ހަނގުރާމައިގައި އީޔޫއާއި ޑަބްލިޔުއެޗްއޯގެ ހިއްސާ ބޮޑު ކަމަށާއި ކުރިއަށް އޮތް ތާނގައިވެސް އެ ދެ ޖަމިއްޔާގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.