ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސްއާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ، ސްޕެއިން ދޫކޮށް ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވާން އުޅޭ ކަމަށް ސްޕެއިންގެ މީޑިއާއަކުން ރިޕޯޓްކޮށްފިއެވެ.

ޓްރާންސްފާ ސީޒަން ހުޅުވިފައިވާ އިރު، ބޮޑެތި ޓްރާންސްފާތަކެއްގެ ވާހަކަތައް ވަނީ މީޑިއާގައި ފެންމަތިވެފައެވެ. ހާއްސަކޮށް ސްޕެނިޝް ލީގުގެ އެންމެ ވަރުގަދަ ކުޅުންތެރިންނާ ގުޅޭ ވާހަކަތަކެއް މިއަދު ވަނީ މީޑިއާއަށް ތިލަވެފައެވެ. ސްޕެއިންގެ ޓީވީ ޝޯއެއް ކަމަށްވާ އެލް ޗިރިންގުއިޓޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރާމޯސްއާއި މެސީގެ މިސްރާބު މިހާރު ހުރީ ޕީއެސްޖީއަށެވެ.

ޗިރިންގުއިޓޯއަކީ ސްޕެއިންޝް ބޮޑެތި ކްލަބުތައް، ބާސާއި މެޑްރިޑް ފަދަ ކްލަބުތަކުގެ ހަބަރުތަކަށް ހާއްސަކޮށް ކުރިއަށްގެންދާ ޓީވީ ޕްރޮގްރާމެކެވެ. ފުޓުބޯޅައިގެ ބަހުސްތަކަށް އެ ޝޯ ހާއްސަވާ އިރު، އެ ޝޯގައި ވާހަކަދައްކަނީ ސްޕެއިންގެ އިތުބާރު ހިފޭ ބައެއް ނޫސްވެރިންނެވެ.

އެ ޝޯއިން ބުނެފައިވަނީ ރާމޯސްއާއި ރެއާލްއާ ދެމެދު ކޮންޓްރެކްޓް އާކުރުމަށް ހިޔާލު ތަފާތުވެފައިވާ ކަމަށާއި، މި ސީޒަންގެ ނިޔަލަށް ހަމަވާން އޮތް ކޮންޓްރެކްޓް އާ ނުކުރެވި ގިނަ ދުވަސް ވަނީ އެހެންވެ ކަމަށެވެ. ރެއާލްގެ ރައީސާއި ރާމޯސް ބައްދަލުވެ، ކޮންޓްރެކްޓް ވާހަކަ ދެއްކުމުން، ރާމޯސް ރެއާލްގެ ރައީސް ގާތުން އެދުނީ މި ސީޒަނަށްފަހު ކްލަބުން ދޫކޮށްދޭން ކަމަށްވެސް ބައެއް ހަބަރުތައް ބުނެފައިވެއެވެ.

ރާމޯސްގެ އެ ހާލަތާއެކު މީޑިއާގައި ރާމޯސްގެ ޓްރާންސްފާ ވާހަކަތައް ގިނަ ވެފައި އޮތް އިރު، މެސީގެ ޓްރާންސްފާ ވާހަކަތަކަކީ މިދިޔަ ސީޒަނަށްފަހު އެންމެ ވަރުގަދައަށް ދެކެވުނު ވާހަކައެކެވެ.

މިދިޔަ ސީޒަނަށްފަހު ބާސާ ދޫކޮށްލަން މެސީ ވަނީ ރަސްމީކޮށް އެދިފައެވެ. ހަ ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީއަށް އެފަހަރު ހުރަސް އެޅީ ބާސާގެ ރައީސް ޖޯސެފް ބާޓޮމިއޫއެވެ. ގާނޫނީ ގޮތުން ބާޓޮމިއޫ މެސީއަށް ހުރަސް އެޅިއިރު، ލަލީގާއިންވެސް ވަނީ ބާސާއާ އެއްކޮޅަށް އަރައި މެސީ ހިފަހައްޓަން ބާރު ދީފައެވެ. އެކަން އެހެން ހިނގުމުން މެސީ ހިތްހަމަނުޖެހުން ފާޅުކޮށްފައިވާ އިރު، މިހާރު ބާސާގެ ރައީސް ބާޓޮމިއޫ ވަނީ އިސްތިއުފާވެސް ދީފައެވެ.

ސިޔާސީ ބޮޑު ކޯޅުމެއްގައި ބާސާ އޮތް އިރު، މެސީ ކްލަބު ދޫކޮށްލާ ކަހަލަ ވިސްނުމެއްގައި އަދިވެސް ހުރިކަން އެންމެފަހުން ދިން އިންޓަވިއުއިންވެސް ފާހަގަވިއެވެ. ސީޒަނަށްފަހު މެސީއަށް ހިލޭ ޓްރާންސްފާއެއްގައި ބާސާ ދޫކޮށްލުމަށް ފުރުސަތު އޮތް އިރު، މެސީ ގެންދިޔުމަށް މިހާރުވެސް މެންޗެސްޓާ ސިޓީއާއި ޕީއެސްޖީން ދަނީ ފާރަލަމުންނެވެ. މި ސީޒަނަށްފަހު މެސީ ބާސާ ދޫކޮށްލާނެ ކަމަށް އަދިވެސް ވަރަށް ބޮޑަށް ބެލެވެއެވެ.