ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާ، ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު ކުރިން ކަނޑައަޅާފައިވާ ގޮތަށް ދެމެހެއްޓުމަށް ނިންމައިފި އެވެ.

ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން 2019 ވަނަ އަހަރުގެ 31ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާ ގޮތަށް ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު ވަނީ އާންމުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގެ ދަށުން، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާގެ މަތިން، ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި، 31 އޮކްޓޫބަރު 2019 ގައި ރައީސް ކަނޑައަޅުއްވާފައިވާ ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު، އެ ގާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މުރާޖައާ ކުރުމަށްފަހު، އެ ލިސްޓުތަކަށް އުނިއިތުރެއް ގެނައުމަށް ނުފެންނަ ކަމަށް ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މަޝްވަރާ ލިބިފައިވާތީ، ކުރިން ކަނޑައަޅާއިފައިވާ ގޮތަށް ދެމެހެއްޓުމުގެ ގޮތުން، ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު އާންމުކުރާ ކަމަށެވެ.

އެގޮތުން ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުގައި ހިމަނާފައިވަނީ، އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)، އަލް ގައިދާ، ޖަބްހަތުއް ނުސްރާ (ޖަބްހަތުއް ފަތަހް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)، ލަޝްކަރޭ ޠައިބާ، އަލް ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލާ، އަލް ގައިދާ އިން ދި އިސްލާމިކް މަޣްރިބް، އަބޫ ސައްޔާފް ގްރޫޕް، ބޮކޮ ހަރަމް/ ބޯކޯ ހަރަމް، އަލް ޝަބާބް، އަލް ގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް، ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)، ހަރަކާތުލް ޖިހާދު އަލް އިސްލާމީ، ޖައިޝޭ މުހައްމަދު، އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ލާވަންޓް – ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)، ނޭޝަނަލް ތައުހީދް ޖަމާއަތް، ޖަމާއަތު މިއްލަތޭ އިބްރާހީމް، ވިލާޔަތް އަލް ސޭލާނީ، ހައިއަތު ތަހްރީރު އަލް ޝާމް، ހުއްރާސް އައް ދީން، ހަނގުރާމަވެރި ސަރަހައްދުތަަކާއި ސީރިޔާގެ ހުރިހާ ސަރަހައްދުތަކެވެ.