އަދާލަތު ޕާޓީގެ ރައީސްކަން އަންހެނުންނަށް ވެސް ކުރެވޭ ގޮތަށް އެ ޕާޓީގެ ދުސްތޫރަށް (އަސާސީ ގަވާއިދަށް) އިސްލާހެއް ހުށަހަޅައިފި އެވެ.
އަދާލަތު ޕާޓީގެ ދުސްތޫރު އެކުލަވާލި އިރު އޭގައި ބުނެފައި އޮންނަނީ އެ ޕާޓީގެ ރައީސަކަށް އަދި ނައިބު ރައީސަކަށް އަންހެނަކަށް ކުރިމަތި ނުލެވޭނެ ކަމަށެވެ. ނަމަވެސް މިދިޔަ ހަފުތާގެ ތެރޭގައި އެ ޕާޓީން ވަނީ އަންހެނުންނަށް ނައިބު ރައީސް ކަމަށް ވާދަކުރެވޭ ގޮތަށް ޝަރުތު ބަދަލުކޮށް، ދުސްތޫރަށް އިސްލާހެއް ގެނެސްފަ އެވެ.
ޕާޓީގެ ދުސްތޫރަށް އިސްލާހުތަކެއް ގެންނަން އުޅޭކަމަށް ބުނެ އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވަނިކޮށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ވެސް ވާދަކުރެވޭ ގޮތަށް ދުސްތޫރަށް އިސްލާހެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެ އިސްލާހު ހުށަހެޅުއްވީ ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ޕާޓީގައި ހިމެނޭ ދީނީ އިލްމުވެރިންނާ ވެސް މަޝްވަރާ ކުރުމަށްފަހު މަޝްވަރާ މަޖިލީހުގެ ހަތް މެންބަރުންގެ ސޮޔާއެކުގައި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"މިވަގުތު ޕާޓީ ކުރިއަށް ގޮސްފައި މިންވަރަށް ބަލައި ޕާޓީ ހުޅުވާލައި ޕާޓީގެ އެންމެ އިސް ސަފުގައި އަންހެނުންނަށް ހަރަކާތްތެރިވުމަށް އޮތް ފުރުސަތު އިތުރަށް ފަހިކުރުމަށް އަދާލަތު ޕާޓީގެ ރައީސްގެ ކިބައިގައި ހުރުން ލާޒިމުކުރާ ޝަރުތުގެ ތެރެއިން ފިރިހެނަކަށްވުން އުނިކުރަން އިސްލާހެއް ހުށަހަޅައިފިން،" އިމްރާންގެ ޓުވީޓުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އަދާލަތު ޕާޓީގެ ރައީސަކަށް އަންހެނުންނަށް ނުވެވޭ ގޮތަށް ހަދާފައިވަނީ، އެއީ ދީނުގައި ލާޒިމުކުރާ ކަމަކަށް ނުވިޔަސް ޕާޓީ އުފެދުނުއިރު ޕާޓީގެ މެންބަރުން ބޭނުންވީ އެގޮތް ކަމަށް އޭރުގެ ލީޑާޝިޕަށް ފެނުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު