ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް ބޭއްވުން ލަސްވަމުން ދަނީ އިލެކްޝަން ކޮމިޝަން (އީސީ) އަށް ގާނޫނުން ދީފައި އޮންނަ ބާރެއް ހާއްސަ ގާނޫނަކުން އެހެން ބަޔަކަށް ދީފައި އޮތުން ކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިރޭ ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މިދިޔަ އަހަރުގެ އޭޕްރިލް މަހު ބާއްވާގޮތަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު މި އަހަރަށް ފަސްކުރިއެވެ. އެ ބިލް ތަސްދީގު ކުރައްވާތާ އަހަރެއްގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭނެއެވެ. އެއީ މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހެވެ.

މީގެ އިތުރުން އިންތިހާބު ބޭއްވާނެ ތާރީހެއް އިއުލާން ކުރެވޭނީ މިހާރު އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ ހަތް ދުވަސް ތެރޭގައި ކަމަށްވެސް ހާއްސަ ގާނޫނުގައިވެއެވެ. އެހެންކަމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ހުއްދައާ ނުލައި އިންތިހާބު ބޭއްވުމުގެ އެއްވެސް ބާރެއް އީސީއަށް ލިބިގެންނުވެއެވެ.

ދިވެހި ޗެނަލްގެ "ހަވާސާ" ޕްރޮގްރާމްގައި ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވުމާއި އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމަކީ ގާނޫނުން އީސީއަށް ދީފައިވާ ބާރެއް ކަމަށާއި ނަމަވެސް ހާއްސަ ގާނޫނުގެ ދަށުން އެ ބާރު އެހެން ބައެއްގެ މެންޑޭޓްގެ ތެރެއަށް ލާފައިވާ ކަމަށެވެ. އެއީ އިންތިހާބު އެހާ ބޮޑަށް ލަސްވާން ދިމާވާ ސަބަބު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ހާއްސަ ގާނޫނުގެ ދަށުން އީސީއަށް އިންތިހާބަށް އިއުލާނު ކުރެވޭނީ އެޗްޕީއޭ އިން ވަކި ގޮތަކަށް އަމަލުކޮށްގެން ކަމަށާއި އެ ބާރު އޮތީ އެޗްޕީއޭގެ ދަށުގައި ކަމަށެވެ.

"އަޅުގަނޑުމެންނަށް އެ ބާރު، އިލެކްޝަން ކޮމިޝަނަށް އޮވެ، އެޗްޕީއޭގެ މަޝްވަރާގެ މަތިން އިއުލާންކުރަންޖެހޭ ގޮތަކަށް އޮތްނަމަ ނުވަތަ ގާނޫނުގައި އޮންނަ ގޮތަށް އިންތިހާބު ބޭއްވޭނެފަދަ މާހައުލެއް އޮތްކަން އިލެކްޝަންސް ކޮމިޝަން ކަށަވަރުކޮށްގެން އިންތިހާބު ބޭއްވުމަށްޓަކައި އެ ބާރު އިލެކްޝަންސް ކޮމިޝަނަށް ގާނޫނުގައި ދޫކޮށްލާފައި އޮންނަ ނަމަ އަޅުގަނޑުމެން، ކޮމިޝަނަށް އިންތިހާބު ބޭއްވުނީސް،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެމެރިކާ އާއި ސްރީލަންކާގައި ވެސް އިންތިހާބު ބޭއްވި ކަމަށާއި އެ ދެ ގައުމުގައިވެސް އިންތިހާބު ބާއްވާފައިވަނީ ކޮވިޑުގެ އެންމެ ހާލަތު ގޯސް ވަގުތެއްގައި ކަމަށެވެ.

"އެހެންވީމާ ގާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފަ އޮތް އޮޮތުން އެއީ އޮތް ހުރަހަަކީ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބަށްޓަކައި އިދާރީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ކޮށް، ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް މިހާރު އީސީން ނިންމާފައިވާ ކަމަށެވެ. މިހާރު ވާންޖެހޭ ހަމައެކަނި ތައްޔާރީތަކަކީ އާއްމުންނާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކަަމަށާއި އެއީ ވަގުތީ މުވައްޒަފުން ހޯދުމާއި ވޯޓުލާ މީހުން ރީރަޖިސްޓްރީކުރުމާއި ފޯކަލް ޕޮއިންޓް ހޯދުން ފަދަ ކަންކަން ކަމަށެވެ. އާންމުންނާ ގުޅިގެން މިވަގުތު ކުރަންޖެހޭ ހުރިހާ ކަމެއް ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.