އެއްރަށުން އަނެއްރަށަށް ދަތުރުކުރުމުގެ އުސޫލާ ހިލާފަށް ގއ. މާމެންދުއަށް އެރި އެ އަތޮޅު ނިލަންދޫ މީހަކު ޖޫރިމަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ ގައިޑްލައިންގައިވާ ގޮތުން ހާއްސަ ހުއްދައަކާއެކު ފިޔަވައި މާލެއިން އަތޮޅުތެރެއަށް ދާ މީހުން ދިހަ ދުވަހަށް ކަރަންޓީންވާން ޖެހެއެވެ.

ފުލުހުން ބުނީ، ގއ. މާމެންދުއަށް ކަރަންޓީންގެ އުސޫލާ ހިލާފަށް އެރި މީހަކު ޖޫރިމަނާކޮށް، ފުލުހުންގެ އެހީތެރިކަމާއެކު މިރޭގެ ވަގުތެއްގައި އޭނާ ނިލަންދުއަށް ގެންގޮސްފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެމީހާ މާމެންދުއަށް ފޭބީ، ނިލަންދުއަށް ދިއުމުގެ ދަތުރުމަތީގައި، އެރަށަށް ޖެއްސުމުން ފިހާރައަކަށް ދިއުމަށެވެ. ނަމަވެސް ފިހާރައަށް ގޮސްފައި އެނބުރި އައި އިރު ބޯޓު ފުރާފައިވުމުން އެމީހާ މާމެންދޫގައި ތާށިވީއެވެ.

ގއ. މާމެންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒައީމް ވިދާޅުވީ، ބޯޓު ފުރުމުން ރަށުގައި ތާށިވެފައިވާ ކަމަށް ބުނެ، ނިލަންދޫ މީހަކު މިއަދު މެންދުރު 1:00 ހާއިރު ކައުންސިލަށް އައިސްފައިވާ ކަމަށެވެ. އެމީހާ ކައުންސިލަށް އައުމުން ފުލުހުންނާ ހަވާލު ކުރި ކަމަށް ޒައީމް ވިދާޅުވިއެވެ. ނަމަވެސް ފުލުހުން ވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ނުބެހެއްޓޭނެ ކަމަށް ބުނެ ކައުންސިލަށްވެސް ނޭނގި ކައުންސިލްގެ ގޯތިތެރޭގައި އެމީހާ ބައިންދައިފައި ކަމަށްވެސް ޒައީމް ބުންޏެވެ.

"މިހުރިހާއިރު އޭނާ އެ އިންނަނީ މިތާ. މިއީ ވަރަށް ދެރަކަމެއް. އަޅުގަނޑުމެންނަަށް ނުވެސް އެނގި ފުލުހުން އޭނާ ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ބޭންދީ،" ޒައީމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، މިހާރު އުސޫލުގައި އޮންނަ ގޮތުން ގައިޑްލައިނާ ހިލާފުވާ މީހުން ފުލުހުންނަށް ހައްޔަރު ނުކުރެވޭ ކަމަށާއި އެހެންކަމުން އެމީހާއާ ފުލުހުން ހަވާލުނުވީ އެ އުސޫލުން ކަމަށެވެ.

އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައިވާ ގޮތުން ފުރަތަމަ ފަހަރު 1000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ. އެންގުމާ ހިލާފުވާ ދެވަނަ ފަހަރު 3000 ރުފިޔާއިން، ތިންވަނަ ފަހަރު 7500 ރުފިޔާއިން އަދި ހަތަރުވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 10،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.