ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާކުރީ އެމްޑީޕީ އާއި ސަރުކާރުގެ ނާގާބިލުކަން ފޮރުވަން ކަމަށާއި ކާމިޔާބު ވެރިކަމެއް ކުރެއްވުން ކުށަކަށް ވެގެންނުވާނެ ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަށް ދައުވާކުރީ އެމްޑީޕީ އާއި ސަރުކާރުގެ ނާގާބިލުކަން ފޮރުވަން ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން 400 ދުވަސް ޖަލުގައި، ސަރުކާރުގެ ލާއިންސާނީ އަނިޔާތައް ތަހަންމަލުކުރައްވައިފި ކަމަށެވެ.

"ހަސަދަވެރިކަން ހައްދުންނެއްޓި، ދެމުންދާ އަނިޔާ ހުއްޓާލަންޖެހޭ. ފަސް އަހަރު ކާމިޔާބު ވެރިކަމެއް ކުރެއްވުން ކުށަކަށް ވެގެންނުވާނެ،" ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުންހުރި މަނީލޯންޑަރިންގެ މައްސަލަ ސާބިތުވެ، ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އޭގެ އިތުރަށް އެމަނިކުފާނުގެ މައްޗަށް ދައުލަތުން އިތުރަށް ވަނީ މަނީ ލޯންޑްރިންގެ ކުށުގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.

އެ ދެ މައްސަލައިގެ ޝަރީއަތް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ މަހުގެ ހަ ވަނަ ދުވަހުއެވެ. އެދުވަހުގެ ޝަރީއަތް ނިންމާލާފައިވަނީ ރައީސް ޔާމީން އަޑު އައްސަވަން ބޭނުންފުޅުވާ ސީޑީތައް އަޑުއެއްސެވުމަށާއި އިތުރު ލިޔެކިޔުންތައް ބެލުމަށް ވަކީލުންނާއެކު ރައީސް ޔާމީނަށް ފުރުސަތު ހަމަޖައްސައިދިނުމަށް ދައުލަތަށް އަންގެމަށްފަހުއެވެ.