ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު އީގަލްސް ބަލިކޮށް، ކްލަބު ވެލެންސިއާއިން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ވެލެންސިއާއިން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުން ވެލެންސިއާ މޮޅުވީ 2-0ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަށް ވެލެންސިއާއިން ނުކުތް އިރު، އެޓީމަށް ލީގު ތާވަލުގެ އެއްވަނައަށް އެރުމަށް ފުރުސަތު ފަހިވީ ރޭ ޗެމްޕިއަން މާޒިޔާއިން ދަ ގްރާންޑޭއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިމުމުންނެވެ. ވެލެންސިއާ އެއް ވަނައިގައި ހަތަރު މެޗުން 10 ޕޮއިންޓާ އެކު އޮތް އިރު، ދެ ވަނައިގައި އޮތް މާޒިޔާއަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.

ލީގުގައި މިހާތަނަށް ކުޅެފައިވާ އެއްވެސް މެޗަކުން މޮޅު ނުވެވި އޮތް އީގަލްސް އިން މި މެޗަށް ނުކުތް އިރު، އެޓީމަށް އަނިޔާގެ މައްސަލަތައް ބޮޑެވެ. ފުރަތަމަ 11 އަށް ބަދަލުތަކަކާއެކު ނުކުންނަން ކޯޗު މުހައްމަދު ޝިޔާޒް (މޯހަން)އަށް މަޖުބޫރުވެފައި އޮތްނަމަވެސް، މެޗު ވަރުގަދަކޮށް ފެށީ އީގަލްސްއިންނެވެ. ޕްރެސްކޮށްގެން ވެލެންސިއާއަށް ޕްރެޝަރު ބޮޑުކޮށްލި ނަމަވެސް އެޓީމަށް ގޯލެއް ނުޖެހުމުގެ ބޭނުން ވެލެންސިއާއިން ހިފިއެވެ.

މެޗުގެ 15 ވަނަ މިނެޓުގައި އީގަލްސް އޭރިއާ ތެރެއިން އަލީ ފާސިރު (ސެންޓޭ)އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނެލްޓީގައި ލީޑު ނަގައިދިނީ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

މިއަދުގެ މެޗުގައި އީގަލްސް ފުރަތަމަ ހާފުގައި އީގަލްސްގެ ބައެއް މުހިއްމު ކުޅުންތެރިންނަށް އަނިޔާވެ ބާލަން ޖެހުމާއެކު ކޯޗު މޯހަންއަށް އިތުރު މާޔޫސްކަމެއް ކުރިމަތިވިއެވެ. ފަހަތަށް ކުޅޭ ހިޝާމް ސަލީމް (ކޮކީ)ގެ ބަދަލުގައި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ކުޅެން އެރުވި އިރު، އަހުމަދު ރިޒްވާން (ރިޒޭ)ގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ބިދޭސީ ފޯވާޑް މުހައްމަދު އުސާމާއަށް ކުޅެން އަރަން ޖެހުނެވެ. މި ސީޒަނުގައި ކަކުލަށް ލިބުނު އަނިޔާއަކާ ހެދި ރިޒޭއަށް ލީގުގެ ފުރަތަމަ ދެ މެޗު ގެއްލުނު އިރު، އޭނާއަށް މިއަދު ލިބުނު އަނިޔާއާ ގުޅިގެން ބާލަން ޖެހުނީ އަށިގަނޑުގައެވެ.

ދެވަނަ ހާފު ފެށިގެން ދާދި ހަމަހަމަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވާ އިރު، ހަމަލާތައް ގިނައިން ފެނުނީ ވެލެންސިއާގެ ފަރާތުންނެވެ. މިދުހަތު ފަހުމީ (ބިޗަޑް)ގެ އިތުރުން ސެންޓޭއަށް ލިބުނު ފުރުސަތުތައް އެ ކުޅުންތެރިން ބޭކާރު ކޮށްލި އިރު، ވެލެންސިއާ އިން ތިން ޕޮއިންޓް ކަށަވަރުކުރީ މެޗުގެ 85 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ސެންޓޭ ޖެހި ގޯލުންނެވެ. އެ ޕެނެލްޓީއަކީ އީގަލްސްގެ ގޯލްކީޕަރު މިލާން، ވެލެންސިއާގެ ދަގަނޑޭއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗު ނިމެން ދަނިކޮށް އީގަލްސްގެ މުހައްމަދު ނާއިމްއަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފައިވެއެވެ.

ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. މިރޭގެ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބު ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ.