ދ. ކުޑަހުވަދޫ ސަމަންދަރުގޭ އަލީ ހަސަން، 76، (އައްޔުބެ) މަރާލުމަށް މަރާލި މައްސަލައިގައި ޖުވެނައިލް ކޯޓުގައި ކުށް ސާބިތުވި އެއް ކުއްޖެއްގެ މައްސަލަ ހައި ކޯޓުގައި މިއަދު ފަށައިފިއެވެ.
ޖެނުއަރީ، 2012 ގައި ތޫނު އެއްޗެހިން ހަމަލާދީ، އަނިޔާވެރި ގޮތަކަށް އައްޔުބެ މަރާލުމަށް ފަހު ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައި އޮއްވައި ފެނުނު މައްސަލައިގައި ދެ ކުއްޖެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން 2013 ގައި ވަނީ ހުކުމްކޮށްފައެވެ. އެކުދިންގެ ކުށް ސާބިތުވިޔަސް އައްޔުބޭގެ ވާރިސުންގެ ތެރޭގައި ހުރި ކުޑަކުއްޖަކު ބާލިޣުވެ، މަރަށް މަރު ހިފުމާ މެދު ގޮތެއް ނިންމަންދެން، ކުށް ސާބިތުވި ދެ މީހުން ޖަލުގައި ބައިތިއްބަން ޖުވެނައިލް ކޯޓުން އޭރު އޮތީ އަމުރުކޮށްފައެވެ.
ކުށް ސާބިތުވި، މިހާރު 18 އަހަރު ފުރިފައި ތިބި އެ ދެ މީހުންގެ ތެރެއިން އެކަކުގެ މައްސަލައިގައި ހައި ކޯޓުން 2017 ވަނަ އަހަރު ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމައި، ކުރި ހުކުމް ބާތިލުކޮށްފައެވެ. ހައި ކޯޓުން އޭނާ މިނިވަންކުރީ އޭނާގެ ތަހުގީގަށް ދިން ބަޔާނުގައި އައްޔުބެ މަރާލުމުގައި ބައިވެރިވި ކަމަށް ސީދާ ބުނެފައި ނެތުމާއި އޭނާ އެކަމުގައި ބަައިވެރިވިކަމުގެ މައްޗަށް އިތުރު އެއްވެސް ހެއްކެއް ލިބިފައި ނެތުމުންނެވެ.
މި މައްސަލައިގައި ކުށް ސާބިތިވި ދެ މީހުންގެ ތެރެއިން ބާކީ ހުރި މީހާގެ މައްސަލަ، އޭނާ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައިގެ ޝަރީއަތް މިއަދު ވަނީ ފަށައިފައެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ މިދިޔަ އަހަރެވެ.
ހައި ކޯޓުން ބުނީ ޖުވެނައިލް ކޯޓުން ނިންމާފައިވާ މަރުގެ މައްސަލައެއްގައި ހިމެނޭ ކުއްޖެއްގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި މިއަދު ފަށާފައިވާ ކަމަށެވެ. އެ މައްސަލަ ބައްލަވަނީ ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން ކަމަށެވެ. ނަމަވެސް އެމީހާގެ ނަމެއް ހާމަކޮށްފައެއް ނުވެއެވެ.
އައްޔުބެގެ މަރުގެ މައްސަލައިގައި ދައުވާ އުފުލީ އައްޔުބެއަށް ދޮންކާފަ ކިޔާ ކުޑަހުވަދޫ މާވެލި އިބްރާހީމް ވަސީމާއި އެ ރަށު ފަނަސް ފައުޒާން މުހައްމަދަށާއި ތިން ކުޑަކުއްޖެއްގެ މައްޗަށެވެ. ކުށް ސާބިތުވި ކަމަށް ކަނޑައަޅާފައިވަނީ ދެ ކުޑަކުއްޖެގެ މައްޗަށް އެކަންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު