ލޯކަލް ކައުންސިލް އިންތިހާބު ގާނޫނުގައިވާ މުއްދަތުގެ ތެރޭގައި ނުބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
"ވަން"އަށް މައުލޫމާތުދެއްވަމުން ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ގާނޫނުގައިވާ ގޮތަށް ބޭއްވޭނީ މިއަދު މުއްދަތު އިތުރުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިގެން ކަމަށެވެ. އެހެން ނޫން ނަމަ އިންތިހާބު ފަސްކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ވަނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބު ނުބޭއްވޭނެ ކަމަށް މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އިންތިހާބުގެ ތައްޔާރީތަކަށް ވެސް ވަގުތު ބޭނުންވާ ކަމަށް މީގެ ކުރިން ބުނެފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން މަސައްކަތް ކުރަމުން އައީ މާޗު ހަ ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ.
"ފެބްރުއަރީ 3 ގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިޔަސް އަޅުގަނޑުމެންނަށް މި ލިބެނީ މަހެއްހާ ދުވަސް. ނަމަވެސް އިންތިހާބު އިއުލާނުކޮށް، މި ހުރިހާ ކަމަކަށް މަދުވެގެން 60 ދުވަސް އެބަ ބޭނުންވޭ،" ޝަރީފް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ކުރިން ކައުންސިލްތަކުގެ އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެ އިންތިހާބު ވަނީ ގާނޫނަށް އިސްލާހު ގެނެސް ފަސްކޮށްފައެވެ. އެ ގާނޫނުގައިވާ ގޮތުން މެއި މަހުގެ ދިހަވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވައި ނިންމަންޖެހެއެވެ.
ޝަރީފް ވިދާޅުވީ، މާޗު މަހުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ ގޮތް ނުވާތީ، އިންތިހާބު ބޭއްވޭނެ ދުވަހެއް ކަނޑައެޅުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު