މިއަހަރުގެ ފުރަތަމަ ތިން ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދުން އުންމީދުތަކެއް އާވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ތިން ދުވަހު ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ 10،360 އަށް އަރައިފަ އެވެ. މިއީ އޮކްޓޯބަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ދެބައިކުޅަ އެއްބަ އެވެ.
އެގޮތުން އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެއަށް 2،005 ފަތުރުވެރިން ޒިޔާރަތް ކުރި އިރު، މިދިޔަ ދެ ދުވަހު ރާއްޖެއަށް ވަނީ 4،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެ ޒިޔާރަތްކުރާ އަދަދު ވަނީ 3،453 އަށް އަރައިފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެގައުމުން 3،226 ފަތުރުވެރިން އައިސްފައިވެ އެވެ. ޔުކްރެއިނުން 929 ފަތުރުވެރިން ޒިޔާރަތްކުރި އިރު، އިންޑިއާއިން ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 778 އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުން އުންމީދުތަކެއް ފެންނަން ފަށާފައިވާއިރު، މިވަގުތު ރާއްޖޭގައި 41،660 ޓޫރިސްޓު އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.
އެއީ 141 ރިސޯޓަކުން 32،636 އެނދާއި 11 ހޮޓަލަކުން 1،458 އެނދާއި 130 ސަފާރީ އުޅަނދަކުން 2،504 އެނދެވެ. އަދި 40 ރަށަކުން މިހާތަނަށް 259 ގެސްޓްހައުސްއެއް ހުޅުވައި، 5،062 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު