އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުންވެސް ބަލިވެ، ޗެލްސީއަށް އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން ތަފާތު ވަރުގަދަ އެޓޭކިން ކުޅުމެއް ފެނިފައިވާއިރު، މެޗުން މޮޅުވެ ސިޓީ ވަނީ ތާވަލުގެ ފަސްވަނައަށް ޖެހިލައިފައެވެ. 15 މެޗުން އެޓީމަށް 29 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތް ޓޮޓެންހަމްއަށް 16 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ.

ޗެލްސީއަށް 17 މެޗުން 26 ޕޮއިންޓް ލިބިފައިވާއިރު، ރޭގެ ބައްޔާއެކު އެޓީމު ވަނީ އަށްވަނައަށް ސޮއްސާލައިފައެވެ. މިދިޔަ މަހު 12 ވަނަ ދުވަހު އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތް ޗެލްސީ އޭގެ ފަހުން އެއްވެސް މެޗަކުން މޮޅުވެފައި ނުވާއިރު، އެޓީމުގެ ފަރާތުން ފެންނަމުން ދަނީ ދަށް ކުޅުމެކެވެ. ކޯޗު ފްރޭންކް ލެމްޕާޑުގެ ފަހަތުގައި މިވަގުތު ބޯޑު އޮތް ނަމަވެސް، އޭނާއަށް ވަނީ އިންތިހާއަށް ޕްރެޝަރު ބޮޑުވެފައެވެ.

ކޮވިޑް 19ގެ ބައެއް ކޭސްތަކާއެކު ސިޓީއަށް ބައެއް ކުޅުންތެރިން ގެއްލިފައި އޮތް ނަމަވެސް އެޓީމުން ވަނީ ފުރަތަމަ ހާފުގެ 16 މިނެޓް ތެރޭގައި ޗެލްސީ ކޮޅަށް ތިން ގޯލް ޖަހާފައެވެ. އިލްކޭ ގުންޑޮގަންގެ ހިތްގައިމު ގޯލްގެ އިތުރުން ފިލް ފޮޑެން އަދި ކެވިން ޑިބްރޭނާގެ ގޯލްތަކާއެކު ސިޓީން ބޮޑު ލީޑެއް ނަގާފައިވާއިރު، ޗެލްސީގެ ގޯލް މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޖެހީ ކަލުމް ހަޑްސަން އޮޑޯއީއެވެ.

މެޗަށްފަހު ފްރޭންކް ލެމްޕާޑް ބުނެފައި ވަނީ މުޅި ޓީމު އެކީ އެކައްޗަކަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި، ފޯމް ރަނގަޅު ކުރުމަށް ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ. ޕެޕް ގާޑިއޯލާ ބުނެފައި ވަނީ މިހާރު ސިޓީގެ ފަރާތުން ފެންނަމުން އަންނަނީ މީގެ ދެއަހަރެއްހާ ދުވަސް ކުރިން ފެނުނު އެންމެ ވަރުގަދަ އަދި އެންމެ ރަނގަޅު ފޯމްގެ ކުޅުން ކަމަށެވެ.