އިންޑިއާއިން އަވަސް އަރުވާލާފައި ކޮވިޑް ވެކްސިން އަށް ހުއްދަދިނުމުން ފާޑުކިޔުން އަމާޒު ވެއްޖެ އެވެ.
އިންޑިއާއިން އިއްޔެ ވަނީ އެގައުމުގައި ބޭނުންކުރުމަށް އޮކްސްފޯޑްގެ އެންސްޓްރާ ޒެނެކާގެ އިތުރުން އެގައުމުގެ ވެކްސިން ކޮވެކްސިން ބޭނުންކުރުމުގެ ހުއްދަ ދީފައެވެ. ހުއްދަ ދީފައިވާ ވެކްސިންތަކަކީވެސް އެގައުމުގައި އުފައްދާފައިވާ ވެކްސިންތަކެކެވެ.
އިންޑިއާއިން ވެކްސިން ބޭނުންކުރުމަށް ހުއްދަ ދިނުމާއެކު ސިއްހީ މާހިރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށާފައެވެ. އިންޑިއާގެ އޯލް އިންޑިއާ ޑްރަގް އެކްޝަން ނެޓް ވޯކް އިންވެސް ވަނީ އެގައުމުން ވެކްސިން އުފެއްދުމަށްފަހު އަވަސް އަރުވާލައިގެން ހުއްދަ ދީފައިވާކަން ފާހަގަ ކުރެވިފައިވާކަމަށް ބުނެފައެވެ.
އޯލް އިންޑިއާ ޑްރަގް އެކްޝަން ނެޓް ވޯކް އިން ބުނީ ވެކްސިން އަށް ހުއްދަ ދިނުމުގައި ވާނުވާއެއް ނޭނގޭ ކަމަށާއި މުހިންމު ޑޭޓާތަކެއް މަދުކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.
އިންޑިއާގެ ޑްރަގް ކޮންޓްރޯލާ ޖެނެރަލް ވަނީ އެގައުމުން އުފައްދާފައިވާ ކޮވެކްސިން ރައްކާތެރިކަމަށާއި ވެކްސިންގެ ސަބަބުން ހަށިގަނޑުގައި ބޭނުންވާ ވަރަށް އިމިއުން އުފައްދާކަމަށްވެސް ވިދާޅުވެފަ އެވެ. ކޮންޓްރޯލާ ޖެނެރަލް ވަނީ މިހާރު ވެކްސިން ހުއްދަ ދީފައިވަނީ ހާއްސަ ހާލަތްތަކުގައި ބޭނުންކުރުމަށް ކަމަށާއި އާންމުކޮށް ބޭނުންކުރުމަށް އަދި ހުއްދަ ދީފައި ނުވާ ކަމަށެވެ.
އިންޑިއާއިން ވަނީ އެގައުމުން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އިސްކަންދޭ ލިސްޓެސް ތައްޔާރުކޮށްފައެވެ. އެގައުމުގެ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު މިހާތަނަށް ފެނިފައިވާ ކޭސްތަކުގެ އަދަދު ވަނީ 10.3 މިލިއަނަށް އަރާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ