ދ. އަތޮޅުގައި ހިންގާ ނިޔާމަ ރިސޯޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12 އަށް އަރައިފި އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ނިޔާމަ ރިސޯޓުން މިހާތަނަށް 12 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އެއީ ރިސޯޓުގައި މަސައްކަތް ކުރާ ފަސް މުވައްޒަފަކާއި ހަތް ފަތުރުވެރިން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޒްލާ ވިދާޅުވީ ނިޔާމަ ރިސޯޓުން އެންމެ ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އެ ރިސޯޓުގެ މުވައްޒަފެއް ކަމަށާއި އޭގެ އިތުރުންވެސް މި ކޭސްތަކާ ގުޅުމެއް ނެތް ފަތުރުވެރިއަކުވެސް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ނަޒްލާ އިތުރަށް ވިދާޅުވީ މި ކޭސްތަކާ ގުޅިގެން މިހާތަނަށް 26 މީހަކު ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އެރަށް އޮތީ މޮނިޓަރިން ހާލަތުގައި ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ޖުމުލަ 13،834 މީހެކެވެ. ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 16 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 13،166 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 613 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ހޮސްޕިޓަލުތަކުގައި 29 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 48 މީހަކު ވަނީ މަރުވެފައެވެ. އެއީ 41 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަ މީހަކާއި ފިލިޕީންސްގެ މީހެކެވެ.