އޮކްސްފޯޑްގެ ކޮވިޑް ވެކްސިން ބޭނުންކުރުމުގެ ހުއްދަ އިންޑިއާއިން ދީފިއެވެ.

އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރާޒެނެކާ ގުޅިގެން ކޮވިޑާ ދެކޮޅަށް އުފައްދާފައިވާ ވެކްސިން ބޭނުން ކުރުމަށް އެގައުމުގެ ކަމާބެހޭ އިދާރާ އިން ހުއްދަ ދީފައިވާކަމަށް އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް މިނިސްޓަރު ޕްރަކާޝް ޖަވާދޭކަރް ވަނީ ވިދާޅުވެފަ އެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ ހަލުވިކަމާއެކު ކޮވިޑް ފެތުރެމުން އަންނަ ގައުމު، އިންޑިއާއިން ކޮވިޑް ވެކްސިން އަކަށް ހުއްދަ ދިނުމާއެކު މިވަނީ އެގައުމުން ކޮވިޑް ނައްތައިލުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިފަ އެވެ.

އިންޑިއާގައި މިއަދު އެގައުމުގެ އެކި ސަރަހައްދު ތަކަށް ވެކްސިން ޑެލިވަރީ ކުރުމުގެ ހާއްސަ ޑްރިލް އެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވެއެވެ.

އޮކްސްފޯޑްގެ ވެކްސިން އަށް އިންޑިއާއިން ހުއްދަ ދީފައިވާއިރު އެގައުމުގައި ފައިޒާ ވެކްސިން ބޭނުން ކުރުމުގެ މަޝްވަރާތައް ވެސް އަންނަނީ ކުރަމުންނެވެ.