ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހުރެ ބޮމެކޭ ބުނެ ވާހަކަދެއްކި އިންޑިއާ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ވީއައިއޭ އިން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ. އެމީހާ ހައްޔަރުކުރީ އެ ދުވަހުގެ މެންދުރު 13:30 ހާއިރު މާލެއިން ފުރަންގޮސް އެއާޕޯޓުގައި ހުރެ "ބޮމެކޭ" ބުނެ ވާހަކަދެއްކި ކަމުގެ ތުހުމަތަށް ކަމަށް ފުލުހުން ބުންޏެވެ.

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ރާޖް ޕްރަޝާންތު ކިޔާ މީހެކެވެ.

އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަހުގެ މުއްދަތެއް ޖަހައިފައެވެ. ކޯޓު އަމުރުގައި ބުނެފައިވާގޮތުގައި އޭނާ ބަންދުގައި ބަހައްޓަން އަމުރުކުރީ މައްސަލައިގެ ޒާތަށް ބަލައި، ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވުމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ބިދޭސީއަކަށްވުމުން ފިލާފާނެތީ ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.