ބާސެލޯނާގެ ޑިފެންސް ވަރުގަދަ ކުރުމަށް ސްޕެއިންގެ އެރިކް ގާސިއާ ގެންދަން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ނޫސްތަކުން ބުނެފި އެވެ.

ފުޓުބޯޅައިގެ ޓްރާންސްފާ ކަންކަމުގައި އެންމެ އިތުބާރު ހިފޭ އެއް ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނެފައިވަނީ މި ޓްރާންސްފާ ސީޒަންގައި އެރިކް ގާސިއާ ގެންދިއުމަށް ބާސާއިން އެއްބަސްވެފައިވާ ކަމަށާއި އޭނާ ސިޓީ ދޫކޮށް ދާނީ ހިލޭ ޓްރާންސްފާ އެއްގައި ކަމަށެވެ. ފަބްރީޒިއޯ ރިޕޯޓް ކޮށްފައިވާ ގޮތުގައި މިވަގުތު ކުރިއަށްދަނީ މެންޗެސްޓާ ސިޓީ އާއި ބާސާއާ ދެމެދު ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ މަސައްކަތެވެ.

ބާސާ އިން މިދިޔަ ސީޒަން ދަށްކޮށް ނިންމާލި އިރު، މި ސީޒަންގެ މިހާތަނަށް ވެސް އަދި އެންމެ އެދެވޭ ނަތީޖާތަކެއް ނެރެވިފައެއްނުވެ އެވެ. މިދިޔަ ސީޒަން ނިމުނު ތަނާ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ކުލަބް ދޫކޮށްލަން އެދުނު އެދުމާއި މި ސީޒަނަށް ފެށުނުތާ މާގިނަ ދުވަހެއް ނުވެ ރައީސް ކަމުގައި ހުރި ޖޯސެފް ބާޓޮމިއޫ އިސްތިއުފާ ދިނުމުގެ ކަންކަމާހުރެ ބާސާގެ އެތެރޭ މަސްލަހަތު ވަނީ ގޯސްވެފަ އެވެ. އޭގެ އަސަރު ކުޅުމުން ވެސް ފެންނަމުންދާއިރު، ބާޓޮމިއޫގެ ވެރިކަމުގައި ކުރި އަގުބޮޑެތި ބައެއް ޓްރާންސްފާތައް ފްލޮޕުވެގެން ދިއުމުގެ ފާޑުކިޔުން ކުލަބަށް ވަނީ އާމާޒުވެފަ އެވެ.

ބާސާގެ އެންމެ ކާމިޔާބު ދުވަސްތައް އަލުން އަނބުރާ ގެނައުމަށް ޓީމެއް ބިނާކުރުމުގެ މަސައްކަތް ފަށަން ޖެހިފައިވާ ކަމަށް ކުލަބުގެ ފަރާތުން ބުނެފައިވާއިރު، އެ ޓީމުގެ އެންމެ ބަލި ފަޔަކީ މިވަގުތު ވެސް ޑިފެންސެވެ. ޑިފެންސް ވަރުގަދަ ކުރުމަށް ޒުވާން ތަރިންތަކެއް ހޯދަން ބާސާ އިން މަސައްކަތް ކުރާއިރު، އުމުރުން 19 އަހަރުގެ އެރިކް ގާސިޔާ ވެގެންދާނީ އެޓީމަށް މުހިއްމު ޑިފެންޑަރަކަށެވެ.

ސިޓީގެ އެކަޑެމީގައި ވެސް ކުޅުނު އެރިކް ގާސިއާ އަކީ އުންމީދީ ޑިފެންޑަރެއްގެ ގޮތުގައި ގިނަ އެނަލިސްޓުން ސިފަކޮށްފައިވާއިރު، އޭނާ ވަނީ ސްޕެއިން ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.