މިފެށުނު 2021 ވަނަ އަހަރާ މިކުރިމަތިލަނީ ގައުމު އަލުން އާރާސްތުކުރުމުގެ ވަރަށް މަތިވެރި އަޒުމަކާއި އިތުރު ހިތްވަރަކާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާ އަހަރު ފެށުމުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސް ދެއްވި ހިތޯބުގައި ވިދާޅުވީ، ނިމިގެން ދިޔަ 2020 ވަނަ އަހަރަކީ ކުރި ހުރިހާ އުންމީދުތަކެއް ހަގީގަތަކަށް ނުވި އަހަރެއް ކަމަށްވިޔަސް، ރާއްޖޭގެ ހާލަތާ މެދު ވިސްނައި، ގަައުމުގެ ކުރިމަގު ބައްޓަންކުރުމުގައި އަމާޒު ހިފަންވީ މިސްރާބު، ވަރަށް ރަނގަޅަށް ސާފުވެގެން ދިޔަ އަހަރެއް ކަމަށެވެ.

އެގޮތުން ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ގަައުމު ފުރަބަންދުކުރަން ޖެހުމުން، އެންމެ ބޮޑަށް އިހްސާސްކުރެވުނީ، ރާއްޖޭގެ އިގްތިސޯދުގެ ނާޒުކު ކަމާއި ރަށްރަށުގައި އަސާސީ ހިދުމަތްތައް ފުރިހަމަނުކުރެވި ހުރުމުން، ރައްޔިތުން އުފުލަން ޖެހިފައިވާ ތަކުލީފުތަކާއި ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިޔަ މިންވަރު ކަމަށް ރައީސް ވިދާޅުވި އެވެ.

"މިފެށުނު 2021 ވަނަ އަހަރާ އަޅުގަނޑުމެން މިކުރިމަތިލަނީ، ގަައުމު އަލުން އާރާސްތުކުރުމުގެ ވަރަށް މަތިވެރި އަަޒުމަކާއި އިތުރު ހިތްވަރަކާ އެކުގައެވެ. ވަކިން ހާއްސަކޮށް، އަސާސީ ހިދުމަތްތައް ލާމަރުކަޒުކުރުމުގެ މަސައްކަތް، އެތައް ގުނައެއް ހަލުވިކުރުމުގެ އަޒުމާ އެކުގައި،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، އިގްތޯސާދީ ގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ މައްޗަށް ބަރޯސާވުމުގެ ބަދަލުގައި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ސިނާއަތު މިހާރަށް ވުރެ ފުޅާކޮށް، އިގްތިސޯދު ސިންދަފާތު ކުރުމަކީ، މި އަހަރުގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތަކުން ރައްޔިތުންނަށް އުފާވެރިކަން ލިބޭނީ، ގަައުމުގައި ހުރި ބޮޑެތި އިޖުތިމާއީ މައްސަލަތައް ވެސް ހައްލު ކޮށްގެންކަން ފާހަގަކުރައްވައި ރައީސް ވަނީ މަސްތުވާތަކެތީގެ މައްސަލަތަކާއި ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ތަފާތު އަނިޔާތަކާއި ތަފާތު ގަނާތައް ހުއްޓުވުމަށް، އަަމަލީ ގޮތުން މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެ، މިއަހަރުގެ އަަޒުމްކަމުގައި ކަނޑައެޅުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި މުޖްތަމައުގެ އުފާވެރިކަމާއި ހަމަޖެހުން ގާއިމުކުރެވޭނީ ކުޑަކުދިންނާއި އަންހެނުންނަކީ އެންމެންގެ ހިމާޔަތާއި ރައްކާތެރިކަމުގައި ދިރިއުޅޭ ބަޔަކު ކަމުގައި ހަދައިގެންކަން ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ކޮވިޑުގެ ސަބަބުން ވަޒީފާ ނެތް ޒުވާނުންނާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ނަފްސާނީ ބަލީގެ މައްސަލަތަކުގެ ސަބަބުން ވަކިވަކި ފަރުދުންނާއި އާއިލާތައް އުފުލަން ޖެހޭ ތަކުލީފުތައް ވެސް ބޮޑުވެފައިވާ ކަމަށެވެ.

އެކަންކަން ހައްލުކުރުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ހާސިލު ކުރުމަށްޓަކައި، އާއިލާގެ ތެރޭގަޔާއި ފަރުދީ ފެންވަރުގައި ވެސް، އެކަކު އަނެކަކަށް އޯގާތެރިވެ އެހީތެރިވެދިނުމަށް ރައީސްގެ ހިތޯބުގައި އިލްތިމާސް ކުރެއްވި އެވެ.

އޭގެ އިތުރުން ގަައުމުގެ އިގްތިސޯދު ކުރިއަރުވައި، ގަައުމީ އާމްދަނީ އިތުރުކުރުމަށްޓަކައި، މުޅި ގައުމު އެކުގައި އެއް އަަޒުމެއްގައި ގަދައަޅައި މަސައްކަތް ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމަކަށްވާއިރު ދިވެހި ޒުވާނުން ވަޒީފާގެ ބާޒާރަށް ނުކުމެ، އިގްތިސޯދުގެ ދުވެލި ހަލުވިކުރުމުގައި ބައިވެރިވެދިނުމަށް ވެސް ރައީސް އިލްތިމާސް ކުރެއްވި އެވެ.