ކ. ގުޅިފަޅުގައި ގާއިމުކުރާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުގެ ހިދުމަތް އަންނަ މަހުގެ ތެރޭގައި ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 48 ވަނަ މާއްދާގައި ބަޔާންކުރާ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި ޕެޑަލްކުރުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން، އެ މީހުންގެ ބަންދުގެ މުއްދަތުގައި އެ ތަނުގައި ބައިތިއްބައިގެން، އެ މީހުންނަށް ލިބެންވާ އަސާސީ ފަރުވާ ދިނުމަށް ހާއްސަ މަރުކަޒެކެވެ.

ޖެންޑާ މިނިސްޓްރީގެ އިސް އޮފިޝަލަކު "ވަން"އަށް ވިދާޅުވީ، އެ މަރުކަޒުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން މިހާރު ނުނިމި ހުރީ، ރިނޮވޭޝަންގެ ބައެއް މަސައްކަތްތަކާއި ވަށައިގެން ފެންސު ޖަހުމުގެ މަސައްކަތް ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޖެންޑާ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ ޖެނުއަރީ މަހުގެ ތެރޭގައި އެ މަރުކަޒަށް މީހުން ގެންގޮސް ފަރުވާދޭން ފެށުމަށް ކަމަށެވެ.

އެކޮމޮޑޭޝަން ބްލޮކެއްވެސް ހިމެނޭ އެ ރިމާންޑް ސެންޓަރަކީ، 200 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ސެންޓަރެކެވެ.

އެނގިފައިވާގޮތުގައި ހުކުމްކޮށް ފަރުވާ ނުފެށި 800 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒަކަށް ގެންގޮސް (ރެސިޑެންޝަލް) ފަރުވާ ދޭން ޖެހޭ 602 މީހަކާއި، ކޮމިޓީ ފަރުވާއަށް ހުކުމް ކޮށްފައިވާ 223 މީހެއްގެ އިތުރުން، އިންޑިވިޖުއަލް ފަރުވާއަށް ހުކުމްކޮށްފައިވާ 64 މީހެއް ހިމެނެއެވެ.

ގުޅިފަޅުގައި ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރެއް ގާއިމުކުރާ އިރު، ގއ. ވިލިނގިލީގައި މިފަހުން ވަނީ "ދަގެނާ"ގެ ނަމުގައި ކޮމިޔުނިޓީ ރިލެބިލިޓޭޝަން ސާވިސް ސެންޓަރެއް ގާއިމުކޮށްފައެވެ. އެ ސެންޓަރުގައި ބޭނުންކުރާނީ ފަރުވާގެ މުޅިން އާ މޮޑެލެއް ކަމަށް ޖެންޑާއިން ވަނީ މީގެ ކުރިން ބުނެފައެވެ.