ރިޕޯޓް

ގިނަ ބަޔަކު ސުޕާރީގެ ދިފާއުގައި، އެއީ ލޯބިވާން ޖެހޭ ވަރަށްވުރެ މާ ނުރައްކާތެރި އެއްޗެއް!

އަހުމަދު ސާއިލް އަލީ

1

ޕްލާސްޓިކް މަދުކުރުމަށް ރާއްޖެ އެތެރެ ކުރުން މަނާތަކެތީގެ ތެރޭގައި ސުޕާރީ ބަންދުކޮށްފައިވާ ޕެކެޓް ހިމެނޭތީ މިހާރު ސޯޝަލް މީޑިއާއިން އެންމެ ގިނައިން ފެންނަނީ އެކަންބޮޑުވުމެވެ. ސުޕާރީއާ ނުލައި ނޫޅެވޭނެ ކަމަށް އެއްބަޔަކު އަންނަނީ ބުނަމުންނެވެ. އަދި ސުޕާރީ ޕެކެޓްގައި އެތެރެ ނުކުރެވޭނަމަ ދެން އެތެރެ ކުރަންވީ ގޮތްތަކުގެ ހިޔާލުތައް ވެސް އަންނަނީ ދެމުންނެވެ. ސުޕާރީގެ ދިފާއުގައި ދައުލަތުގެ ވެރިންގެ އިސްތިއުފާއަށް ވެސް އަންނަނީ ގޮވަމުންނެވެ.

ދިވެހިންނާއި ސުޕާރީއާ ގާތްގުޅުމެއް އޮންނަތާ އެތައް އަހަރުތަކެއް ވެއްޖެ އެވެ. އެއީ ގިނަ ދިވެހީންތަކެއް ގަވައިދުން ކައި އުޅޭ އެއްޗެކެވެ. ސުޕާރީއަކީ ދުފާތަކެތި ޕްރޮސެސް ކޮށްގެން ހަދާފައި ހުންނަ އެއްޗަކަށްވާއިރު އޭގައި ލާ ފޮނި ރަހައިން ގިނަ ބަޔަކަށް އެ ވަރަށް ކަމުދެ އެވެ. ސުޕާރީ އުފައްދަނީ ފެންފޯކާއި ހަކުރާއި ކުލަތައް ބޭނުންކޮށްގެންނެވެ.

ދިވެހީންނާއި ސުޕާރީއާ އޮތް ގުޅުން އެންމެ ރަނގަޅަށް ސިފަ ކުރެވޭ އެއް ސުވާލަކީ "ނެތްތަ ސުޕާރީއެއް؟"މި އެވެ. ރައްޓެހިންގެ ގާތުވެސް އެންމެ އާއްމުކޮށް އަހާ އެއް ސުވާލަކީ އެއީ އެވެ. ޖީބުގައި އަބަދުވެސް ސުޕާރި ހުސްނުކޮށް ގެންގުޅުމަކީ ބައެއް މީހުންގެ އާދަ އެކެވެ. އަދި ފޮށިގަނެގެން ސުޕާރީ ކާ މީހުން ވެސް މަދެއް ނޫނެވެ.

ކެންސަރަށް މަގުފަހި ކުރާ އެއްޗެއް

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން 2004 ވަނަ އަހަރު ދިރާސާއެއްގެ އަލީގައި ބުނެފައިވަނީ ސުޕާރީގެ ސަބަބުން އަނގައިގެ ކެންސަރަށް މަގުފަހިވާ ކަމަށެވެ. ސުޕާރީގައި ނުރައްކާތެރި ދެ މާއްދާ ކަމަށްވާ އަލްކަލޮއިޑްސް އަދި ޕޮލިފެނޮލްސް އެކުލެވެ އެވެ. އެއީ ނުރައްކާތެރި ކެންސަރަށް މަގުފަހި ކުރާ ދެ މާއްދާ އެވެ. އެހެންކަމުން އަގަނޔަށް ކިތަންމެ މީރަސް ތި ކެވެނީ ނުރައްކާތެރި އެއްޗެކެވެ.

ސުޕާރީއަކީ އެ ކާން ފަށައިފިނަމަ އެޑިކްޓްވާ (ދެވިހިފާ) އެއްޗެކެވެ. މިއީ ސިއްހަތަށް އެތަކެއް ގެއްލުންދޭ އެއްޗެކެވެ. އެގޮތުން ސުޕާރީއަކީ ދަތްތަކާއި ހިރުގަނޑަށް ގެއްލުންދޭ އެއްޗެކެވެ. އަދި މިއީ ފަސޭހައިން ހަޖަމުވާ އެއްޗެއް ނޫނެވެ. އޭގައި އެކުލެވިފައިވާ އެކި އެކި ވިހަ މާއްދާތަކުގެ ސަބަބުން ކެންސަރު ޖެހުން ފަދަ ނުރައްކާ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ. މީގެ އިތުރުންވެސް ހަށިގަނޑުގެ އެކި އެކި ގުނަވަންތަކުގައި ހިލަ އުފެދުމުގެ ފުރުސަތުވެސް ސުޕާރީ ކެއުމުގެ ސަބަބުން ބޮޑެވެ.

ރާއްޖޭގެ އާއްމު ބަލިތަކުގެ ޑޮކްޓަރަކު ވިދާޅުވިގޮތުގައި ސުޕާރީގެ ސަބަބުން އަނގައިގެ ކެންސަރާއި އަނގަޔަށް ތަފާތު ނުރައްކާތެރި ބަލިތައް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެއެވެ.

ސުޕާރީގެ ސަބަބުން ދިމާވެދާނެ ކަމަށް ޑޮކްޓަރު ވިދާޅުވި ކަންކަން:

• ހިރުގަނޑު ދުޅަވުން،

• ދަތްފަނިކެއުން،

• ދަތުގައި މެރައާއި ކޮބަޑިޖެހުން،

• ދަތްލުހުން ނޫނީ ފޭބުން،

• ދަތުގައި ރިހުން،

• ހިރުގަނޑުގައި ރިހުން

• އަނައިގެ ތެރޭގައި މުލިހި ފާރު ފަދަ ތަކެތި ހެދުން

ސޯޝަލް މީޑިއާގައި ސުޕާރީގެ ދިފާއުގައި ބަހުސްތައް އެދަނީ ކުރިއަށެވެ. އެއީ ގިނަ ބަޔަކު އެޑިކްޓްވެފައިވާ އެއްޗަކަށްވާތީ އެވެ. ނަމަވެސް އެކަމަކަށް ލޯބި ކުރަންވާނީ އެކަމެއްގައި ފައިދާއެއް ވާ ނަމައެވެ. ސުޕާރީން އަނގަޔަށްލާ މީރު ރަހަޔަށްވުރެ ލިބޭ ގެއްލުން ބޮޑެވެ.