އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފެއްދާފައިވާ ކޮވިޑް ވެކްސިން ރާއްޖެއަށް ގަތުމަށް ނިންމައި، އެކަމާބެހޭގޮތުން ސިންގަޕޫރުގެ "އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ އެލްޓީޓީ" އެކު ސޮއިކުރާނެކަން ދިވެހި ސަރުކާރުން ނިންމައި އެކަން ހާމަކޮށްފިއެވެ.
އެކަން ހާމަކޮށް، ފިނޭންސް މިނިސްޓަރު އިބްރާއިމް އަމީރު މިއަދު ނެރުއްވާފައިވާ ގަރާރުގައި ބުނެފައި ވަނީ، ކޮވިޑް 19 އާ ގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުން އަރައި ގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށް ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ "އެސްޓްރާޒެނެކާ ސިންގަޕޯރ ޕީޓީއީ އެލްޓީޑީ" އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާ ކަމަށެވެ.
މި ވަގުތު އެ ވެކްސިން ލިބެންހުރީ ވަކި ބައެއްގެ އަތުން ކަމަށްވެފައި، މުޅި ދުނިޔޭގައިވެސް ވެކްސިން ދޫކުރަމުން އަންނަނީ ޕްރޮކިއުމަންޓްގެ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށްވާތީ، ކޮވިޑް 19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއި ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންކަމުން އެ ވެކްސިން ހޯދުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެދަށުން ފިނޭންސް މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން އެކަމާބެހޭ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޒު ކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައިވާ ކަމަށްވެސް ގަރާރުގައި ފިނޭންސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
- (ހ) މާލިއްޔަތުގެ ގަވާއިދުގެ 10.43
- (ށ) މާލިއްޔަތުގެ ގަވާއިދުގެ 10.52
- (ނ) މާލިއްޔަތުގެ ގަވާއިދުގެ 10.67
- (ރ) މާލިއްޔަތުގެ ގަވާއިދުގެ 10.71
އެ މާއްދާތަކަށް އަމަލުކުރަން ނުޖެހޭގޮތަށް ނިންމާފައިވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އެސްޓްރާޒެނެކާއާއެކު ސޮއިކުރެވޭ އެއްބަސްވުމާ ގުޅޭގޮތުން އެ އެއްބަސްވުމުގެ މުއްދަތަށް ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.
"އެ އެއްބަސްވުމުގެ މުއުދަތުގައި އެކަންކަމާ ގުޅޭގޮތުން އަމަލުކުރަންވާނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން ކަމަށް އެކަން އިއުލާނު ކުރަން،" ކަމަށްވެސް ގަރާރުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެއެކަމަށްޓަކައި ވާ އެއްބަސްވުމުގެ ދަށުން ކުރާ ހަރަދުތަކުގެ އިންޓާނަލް އޮޑިޓެއް ފިނޭންސް މިނިސްޓްރީން ކުރިއަށްގެންދާނެ ކަމަށާއި އެ ހަރަދުތައް ހެލްތު މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާ ހާއްސަ ސަމާލުކަމެއްދީގެން ބެލެހެއްޓުމަށް އަންގާ ކަމަށްވެސް މިނިސްޓަރު އަމީރުގެ ގަރާރުގައި ވިދާޅުވެފައިވެއެވެ.
ވެކްސިން
ވެކްސިން
ވެކްސިން