ސައްހަ ލިޔުންނެތި، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، އެމީހުންގެ ގައުމަށް ދާން ބޭނުންވެފައި ތިބި 10،000 އަށްވުރެ ގިނަ ބަންލާދޭޝް މީހުން އެމީހުންގެ ގައުމަށް މިހާތަނަށް ފޮނުވާލައިފިއެވެ.
މޯލްޑިވިއަން އިން ބުނީ ބަންގްލަދޭޝްގެ ރައްޔިތުން ގައުމަށް ގެންދިޔުމަށް ހާއްސަކޮށްގެން ބާއްވާ، ރެޕަޓްރިއޭޝަން ދަތުރުތަކުގެ ތެރެއިން މިއަދު ފޮނުވާލި 200 މީހުން މޯލްޑިވިއަން ފްލައިޓުގައި ގެންގޮސްފައި ވަނީ ބަނގަލާދޭޝްގެ ވެރިރަށް ޑާކާއަށް ކަމަށެވެ.
މި ފްލައިޓަކީ އެގޮތަށް ދަތުރުކުރި 50 ވަނަ ފްލައިޓް ކަމަށްވެސް ބުނެފައިވެއެވެ.
ބަންގްލަދޭޝްގެ ރައްޔިތުން ގައުމަށް ގެންދިޔުމަށް ބާއްވާ ދަތުރުތަކުގައި މޯލްޑިވިއަންގެ ފްލައިޓުތަކުގައި މިހާތަނަށް 9633 މީހުން ބަންގްލަދޭޝް އަށް ގޮސްފައިވާ ކަމަށްވެސް މޯލްޑިވިއަނުން ބުނެފައިވެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވައިލުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން، މޯލްޑިވިއަން ފްލައިޓުގެ އިތުރުން ދިވެހި ސަރުކާރުން ޗާޓަރުކުރި ބިމާން ބަންގްލަދޭޝް އެއާވޭސްގެ ފްލައިޓަކާއި، ބަންގްލަދޭޝް އަސްކަރިއްޔާގެ ފްލައިޓެއްގައި ދެ ފަހަރެއްގެ މަތިން މިހާތަނަށް އެ ގައުމަށް ވަނީ މީހުން ފޮނުވާލައިފައެވެ.
އިކޮނޮމިކް މިނިސްތްރީން ބުނެފައި ވަނީ، ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުން އަންނަ މަސައްކަތުގެދަށުން މިއަހަރު 15،000 އަށްވުރެ ގިނަ ބަނގުލަދޭޝް ރައްޔިތުން އަނބުރާ އެގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޑޮކިއުމަންޓް ނެތް މީހުންގެ އިތުރުން ގައުމަށް ދާން ބޭނުންވެގެން ފޮނުވައިލި މީހުން ހިމެނޭ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން މީގެކުރިން ބުނީ މިއަހަރުގެ ޓާގެޓަކީ ގަވާއިދާ ހިލާފަށް އުޅޭ 20،000 މީހުން ފޮނުވާލުން ކަމަށެވެ. އަދި އަންނަ އަހަރު ވެސް ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލުމަށް ޓާގެޓް ކޮށްފައިވާ ކަމަށްވެސް އެމިނިސްޓްރީން ބުނެފައި ވެއެވެ.
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން
މޯލްޑިވިއަން