ފަތުރުވެރިކަމަށް ބިން ދޫކުރުމަށް އައްޑޫ ސިޓީން ދެވަނަ ފަހަރަށް ހުޅުވާލި ފުރުސަތުގައި 45 ފަރާތަކުން ބިޑް ހުށަހަޅާފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ފުރަތަމަ ބުރުގައި 60 ފަރާތަކުން ބިޑު ހުށަހެޅި ކަމަށާއި މިމަހުގެ 21 ވަނަ ދުވަހުން 24 ވަނަ ދުވަހަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި އިރު، ފުރަތަމަ ބުރުގައި ބިޑު ހުށަހެޅި ފަރާތްތަކުން އަލުން އަނެއްކާވެސް ބިޑު ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު ފަހުން ހުޅުވާލި ދެވަނަ ފުރުސަތުގައި ބިޑު ހުށަހަޅާފައިވަނީ ޖުމުލަ 45 ފަރާތަކުން ކަމަށްވެސް އެކައުންސިލުން ވަނީ ބުނެފަ އެވެ.

އައްޑޫ ސިޓީ ހިތަދޫން 30 ބިމެއް ފަތުރުވެރިކަމަށް ދޫކުރުމަށް ނިންމާފައިވާއިރު ހުޅުދޫން 25 ބިން ދޫކުރުމަށް ވަނީ ނިންމާފަ އެވެ. އަދި މަރަދޫން 10،000 އަކަފޫޓުގެ އެއް ބިން ދޫކުރުމަށް ނިންމާފައިވާއިރު މީދޫން 16 ބިމެއް ދޫކުރުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ފޭދޫން 24 ބިން ފަތުރުވެރިކަމަށް ދޫކުރުމަށް ވަނީ ނިންމާފަ އެވެ.

ފަތުރުވެރިކަމަށް ހާއްސަކޮށްގެން އައްޑޫ ސިޓީން ބިން ދޫކުރުމަށް ނިންމާފައިވަނީ، ގެސްޓް ހައުސް ހިންގުމަށާއި ސިޓީ ހޮޓާ ތަރައްގީ ކުރުމަށެވެ. މި މަޝްރޫއުގެ ދަށުން 4،000 އެނދު ގާއިމް ކުރުމަށް ވަނީ ނިންމާފަ އެވެ.