އައްޑޫ ސިޓީގައި ހުންނަ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސުކޫލްގެ ދަރިވަރުންގެ ކަންބޮޑުންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މުގައްރިރު، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބުދުﷲ ވިދާޅުވެއްޖެއެވެ.

ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މެންބަރުން އައްޑުސީޓީއަށް ވަޑައިގެން ފްލައިން ސްކޫލްގެ ދަރިވަރުންނަށް ދިމާވާ ކަންބޮޑުވުންތައް އޮޅުން ފިލުއްވުމަށްފަހު، "ވަން އޮންލައިން" އަށް އެކަމާބެހޭ މައުލޫމާތު ދެއްވަމުން މެންބަރު އަހުމަދު ވިދާޅުވީ، ފްލައިން ސްކޫލް ދައިވަރުންގެ ކަންބޮޑުވުންތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ މައްސަލައަކީ ކޮމިޓީގެ ސަމާލުކަމަށްވެސް އައިސްފައިވާ މައްސަލައެއް ކަމަށާއި އެހެންކަމުން، އައްޑޫ ސިޓީއަށް ކުރި ދަތުރުގައި އެއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ އޮޅުންފިލުވައި، އެއްކުރެވުނު ހޯދުންތަކުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ އެކަމާ ގުޅިގެން ކޮމެޓީ މެންބަރުން އައްޑޫސިޓީއަށް ކުރި ދަތުރުގައި، ފްލައިން ސްކޫލްގެ ދަރިވަރުންނާއި، އެ ސްކޫލްގެ އިސްފަރާތްތަކާއި އައްޑޫ ސީޓި ކައުންސިލާއި ސިވިލްއޭވިއޭޝަން އޮތޯރިޓިގެ ބޭފުޅުންގެ އިތުރުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ބޭފުޅުންނާ ބައްދަލު ކުރެއްވިއެވެ.

އައްޑޫ ފްލައިން ސްކޫލުން ދަރިވަރުން ވަކިކުރާ މައްސަލަ މިފަހުން ބޮޑުވެފައިވާއިރު މިހާތަނަށް 15 ދަރިވަރަކު ވަކިކުރުމަށް އެ ސްކޫލުން ވަނީ އީމެއިލް ފޮނުވައިފަ އެވެ.

އޭގެ ކުރިން ވެސް ހަތަރު ދަރިވަރަކު ވަކިކުރަން ސިޓީ ފޮނުވާފައި ވަނިކޮށް ވަކިކުރަން ނިންމި ނިންމުން ބަދަލުކުރަން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެ ސްކޫލަށް ވަނީ އަންގަވައިފަ އެވެ.

އެ ސްކޫލްގެ ދަރިވަރުންގެ ޖަމިއްޔާއިން ބުނެފައިވަނީ، އެކި ގޮތްގޮތުން ދަރިވަރުންނަށް ދަތި ކުރުމުގެ ކަންތައްތައް އެތަނުން ކުރަމުންގެންދާ ކަމަށާއި، ސަރުކާރުގެ މުއައްސަސާތަކުން ކުރާ އަމުރުތަކަށްވެސް އެ ސްކޫލުގެ މެނޭޖްމަންޓުން ބޯ ނުލަނބާ ކަމަށެވެ.

އެ މައްސަލަތަކުގައި އުފެދުނު ކަންބޮޑުވުންތަކާއި ގުޅިގެން އެ ސްކޫލްގެ ދަރިވަރުންނާ ބައްދަލު ކުރައްވައި އެކުދިންނަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައުލޫމާތު ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ އޮޅުން ފިލުއްވައިފައެވެ.