އަންހެނަކާއި އޭނާގެ ތިން ދަރިންނަށް އަނިޔާކޮށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުންނަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ރ. ކަނދޮޅުދޫ، މިރިހިމާގެ، އިސްމާއީލް ވަހީދު މިއަހަރުގެ 22 ޖޫން އިން ފެށިގެން 30 އޮކްޓޫބަރާ ހަމައަށް އެކި ދުވަސްމަތިން އޭނާގެ އަނބިދަރިންނަށް ޖިސްމާނީ ހާނިއްކަކޮށް އެމީހުން ގެއިން ނުކުތަ ނުދީ ހިފަހައްޓައި، ވަހީދު އެގެއަށް ގެނައި ކަނދޮޅުދޫ، ދިލްސާދުއާގެ، މުހައްމަދު އަސީލް ކިޔާ މީހަކު ލައްވައި، ރުގްޔާ ކުރުމޭ ކިޔައިގެން، ވަހީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާ އާއި ޖިންސީ ގޯނާކުރި މައްސަލަ އެނގިހުރެ އޭނާ ސިއްރުކުރި މައްސަލައިގައި ދައުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
އެގޮތުން ޕީޖީން ވަނީ ވަހީދުގެ މައްޗަށް ފަސް ދައުވާއެއް ކޮށްފައެވެ. އަދި އަސީލްގެ މައްޗަށް ވަނީ ހަތް ދައުވާއެއް ކޮށްފައެވެ. އެ ދެމީހުން ވަނީ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.
- ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ
- ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ
- ގާނޫނުލްއުގޫބާތުގެ ދަށުން ގައިގާ އަތްލުމުގެ ކުށުގެ ދެ ދައުވާ
- ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖަކާ މެދު އިހުމާލުވުމުގެ ކުށުގެ ދައުވާ
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ
- ގާނޫނުލްއުގޫބާތުގެ ދަށުން ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
- ގާނޫނުލްއުގޫބާތުގެ ދަށުން އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ
- ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
- ގާނޫނުލްއުގޫބާތުގެ ދަށުން ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ
- ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ
- ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން ކުޑަކުއްޖެއްގެ ހާޒިރުގައި ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ
ރުގްޔާ ކުރުމުގެ ނަމުގައި ވަހީދު އޭނާގެ އަންހެނުންނާއި ތިން ދަރިން ގޭގައި ރަހީނުކޮށް، ހަތަރު މަސް ދުވަސް ވަންދެން އެކި ފަހަރު މަތިން އަނިޔާދިނީ އަންހެން މީހާ އާއި އޭނާގެ ހަތް އަހަރުގެ އަންހެން ދަރިފުޅަށް ޖިންނި އަވަލާފައިވާ ކަމަށް ބުނެއެވެ. އަދި ހަތް އަހަރުގެ ކުއްޖާއަށް ވަނީ އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށްފައެވެ.
ޕީޖީ ހުސެއިން ޝަމީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރ. ދުވާފަރުގައި ރުގްޔާ ކުރުމޭ ކިޔައިގެން ކުރީ ޖިސްމާނީ އަދި ޖިންސީ އަނިޔާ ކަމަށެވެ. ރުހުމާނުލައި ގަޔަށް އަތްލައިގެން "ފަރުވާ" ކުރުމަކީ ދީނާއި ގާނޫނުންވެސް ދަންނަ ކަމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު