އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމާއި މަނީ ލޯކްޑަރިންގެ ދައުވާ އުފުލާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިންވެސްޓިގޭޓަރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ އާޒިމް، އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭސް)ގެ ބޯޑު މެމްބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

މި ސަރުކާރުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅު އައިއޭއެސްގެ ބޯޑަށް އައްޔަންކުރި އާޒިމް އިސްތިއުފާ ދެއްވާފައިވާކަން އެ ކުންފުނިން ވަނީ "ވަން" އަށް މިއަދު ކަށަވަރު ކޮށްދެއްވައިފަ އެވެ.

މި މައްސަލައިގައި އާޒިމް އައިއޭއެސްގެ ބޯޑުން އިސްތިއުފާ ދެއްވި އިރު، އޭސީސީން އާންމުކުރި އެސްއޯއެފުން ފައިސާ ޖަމާވި މީހުންގެ ލިސްޓުގައި އޭނާގެ ނަން އޮތުމުން ސަސްޕެންޑް ވެސް ކުރި އެވެ. ނަމަވެސް ފަހުން އެ ސަސްޕެންޝަން ވަނީ އުވާލައިފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ، 12 އޮކްޓޫބަރު 2011 އިން 14 އޭޕްރީލް 2016ގެ ނިޔަލަށް އޭސީސީގައި ތަހުގީގީ އޮފިސަރެއްގެ ގޮތުގައި އާޒިމް މަސައްކަތްކުރި އިރު، އެމްޕީއެލް އާއި އެމްއެމްޕީއާރުސީއާ ދެމެދު ހިންގި ޑޮލަރުގެ މުއާމަލާތާ ގުޅޭ ކޮރަޕްޝަނުގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްގަފޫރާއި ކުރީގެ ސަރުކާރުގެ ބައެއް ވެރިންނާ ގުޅޭގޮތުން އޭސީސީން ބަލަމުން ދިޔަ މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ގޮތާއި އޭސީސީގެ ސިއްރު މައުލޫމާތު ހިއްސާކުރުމަށާއި ތަހުގީގު ވަކި ގޮތަކަށް އަނބުރާލުމަށް ނުފޫޒު ފޯރުވުމަށްޓަކައި ޒިޔަތާއި އަދީބު މެދުވެރިކޮށް އެސްއޯއެފް ކުންފުނީގެ ޗެކަކުން އޭނާއަށް 100،000 ޑޮލަރު ލިބިފައިވާ ކަމަށެވެ.

އެ މައްސަލައިގައި އާޒިމްގެ މައްޗަށް މަނީލޯންޑަރިންގެ ދެ ދައުވާއާއި ރިޝްވަތު ހިފުމުގެ ކުށުގެ ދެ ދައުވާ ކުރުމަށް މިމަހުގެ ހަ ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.