މާލޭގައި ބަހުގެ ހިދުމަތް ދިނުމަށްވި އެއްބަސްވުމުގެ ދަށުން އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް އަށް ދޫކުރި، މާލޭގެ 403 ކޮށީގެ ބިން، ހުސް ކުރުމަށް، މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓަރަކްޗާގެ ފަރާތުން އަންގާފައިވާ އެންގުމަކީ ބާތިލް އެންގުމެއްކަމަށް ކަނޑައަޅައިދެވެން ނެތްކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް އެހުކުމަށް ބަދަލު ގެންނާނެތަނެއް ނެތްކަމަށް ހައިކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

މާލޭގައި އާއްމު ބަހުގެ ދުމަތް ދިނުމަށް އެމްވީކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު މާލޭ ސިޓީ ކައުންސިލުން އެއްބަސްވުމެއް އެކުލަވާލައި އެ ކުންފުންޏާ މަސައްކަތް ހަވާލު ކުރީ، 29 އޭޕްރީލް 2012 ގައެވެ. އެ އެއްބަސްވުމުގެ ދަށުން ބަހުގެ ހިދުމަތް ދިނުމަށް މާލެއިން އެކަށީގެންވާ ވަރުގެ ބިމެއް އެ ކުންފުންޏަށް ދޭން ޖެހެއެވެ.

އެގޮތުން 17000 އަކަފޫޓަށްވުރެ ކުޑަ ނޫން ބިމެއް އެމްވީކޭއާ ހަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެއްބަސް ވެ، އެ އެއްބަސްވުމުގެ ދަށުން މާލޭ 403 ނަންބަރު ކޮށީގެ ބިން އެމްވިކޭއާ ހަވާލު ކުރިއެވެ.

އެ އެއްބަސްވުމުގެ ދަށުން އެ ބިމުގައި އެމްވީކޭއިން މަސައްކަތް ކުރަމުން ދަނިކޮށް، އެ ބިމަކީ މާލޭ ސިޓީކައުންސިލާ ހަވާލުކޮށްފައިވާ ބިމަކަށް ނުވާތީ، މާލޭ ސިޓީކައުންސިލްގެ ހުއްދަ ލިބިގެން އެ ބިމުގެ ބޭނުން ކުރި ނަމަވެސް، މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓަރަކްޗާގެ ހުއްދައެއް ނެތި އެ ބިމުގައި އެއްވެސް މުއާމަލާތެއް ނުކުރުމަށާއި ބިން މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓަރަކްޗާއާ ހަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަވިސްއިން އެންގިއެވެ.

މީގެ އިތުރުން އެ ކޮށްޓަކީ އެއްވެސް އިރެއްގައި ކައުންސިލާ ހަވާލުކޮށްފައިވާ ބިމަކަށް ނުވާތީ އެތަން ހުސްކުރުމަށް ހައުސިން މިނިސްޓްރީން އަންގައި އަދި 18 ޖަނަވަރީ 2015 އިން ފެށިގެން ބިން ސާފުކުރުމުގެ ކަންތައް ކުރާނެކަމަށް އެންގިއެވެ.

އެކަމާ ގުޅިގެން އެމްވީކޭގެ ފަރާތުން (ދިވެހި ދައުލަތް )މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި މާލެ ސިޓީ ކައުންސިލްގެ މައްޗަށް ރައްދުވާގޮތަށް ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ.

ސިވިލްކޯޓަށް ހުށަހެޅި މައްސަލައިގައި އެމްވީކޭ އިން އެދިފައި ވަނީ އެ ތަނުގައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވުމުންދަނިކޮށް، އެބިމަކީ ސިޓީ ކައުންސިލާ ހަވާލުކުރެވިފައިވާ ބިމެއް ނޫންކަމަށާއި، އެހެންކަމުން، އެމްވީކޭގެ ފަރާތުން އެ ތަނުގައި ކުރަމުންދާ މަސައްކަތްތައް ހުއްޓުވައި އެތަނުން ނުކުތުމަށް އަންގާފައިވާތީ، އެކަމުގެ ސަބަބުން ކުންފުންޏަށް ލިބޭ ގެއްލުންތަކާއި ގެއްލޭ ހައްގުތައް ހޯދައި ހިމާޔަތްކުރުމަށާއި ބިން އެމްވީކޭގެ އަތުން ނެގޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލަ ބަލައި ސިވިލްކޯޓުން ހުކުމް ކޮށްފައި ވަނީ، މާލޭގެ 403 ނަންބަރ ކޮށީގައި ބަސް ޑިޕޯއެއް ތަރައްގީ ކުރުމަށްޓަކައި އެމްވީކޭއާ މާލޭ ސިޓީ ކައުންސިލާއި ދެމެދު ކޮށްފައިވާ މުއާމަލާތަކީ ބާތިލް މުއާމަލާތެއްކަމަށް ކަނޑައަޅައި، އެބިން ހުސްކުރުމަށް މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓަރަކްޗަރގެ ފަރާތުން އަންގާފައިވާ އެންގުމަކީ ބާތިލް އެންގުމެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމެވެ.

މި ހުކުމާމެދު ހިތްހަމަނުޖެހިގެން އެމްވީކޭގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްްސަލަ ބަލައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ އެ މައްސަލައިގައި ސިވިލްކޯޓުން ކޮށްފައިވާ ހުކުމަށް ހައިކޯޓުން ބަދަލުގެންނަން ޖެހޭފަދަ ސަބަބެއް ނެތްކަމަށް މި ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމް ކޮށްފިން ކަމަށެވެ.