ހުޅުމާލޭގައި ޔޮޓް މެރީނާއަކާއި ކުރޫސް ޓާމިނަލެއް ތަރައްގީ ކުރުމަށް ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޔޮޓް މެރީނާއަކާއި ކުރޫސް ޓާމިނަލެއް ތަރައްގީކުރަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިސީ) ހުށަހަޅަން އެޗްޑީސީން ހުޅުވާލީ މިމަހުގެ ދެވަނަ ދުވަހު އެވެ.
އެގޮތުން ހުށަހަޅާ އީއައިސީގައި އެކުންފުންޏެއްގެ ތައާރަފާއި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަރަދުވާނެ އަދަދާއި ހުޅުމާލޭގެ މާސްޓާ ޕްލޭނަށް ރިއާޔަތްކުރުމަށް ފަހު، ބޭނުންވާނެ ބިމުގެ ބޮޑުމިނާއި ބޭނުންކުރާނެ ބިޒްނަޒް މޮޑެލް އާއި އެކުންފުންޏެއްގެ ފާއިތުވި ތިން އަހަރުގެ މާލީ ބަޔާނާއި އެކުންފުންޏެއްގެ ގާބިލިއްޔަތުކަން ދައްކުވައިދޭ ލިޔެކިޔުންތަކުގެ އިތުރުން މަސައްކަތް ނިންމައިލެވޭނެ ކަމަށް ލަފާކުރާ ތާރީހު ބަޔާން ކުރަން ވަނީ އެދިފަ އެވެ.
އެ މުއްދަތު މިމަހުގެ 16 ވަނަ ދުވަހަށް ހަމަވެފައިވާއިރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ، އެ މަޝްރޫއު ހިންގުމަށް ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ބޭރުގެ ބައެއް ކުންފުނިތައް ވެސް ހިމެނޭ ކަމަށެވެ. އަދި އަންނަ މަހުގެ ތެރޭގައި އެ މަޝްރޫއަށް ބިޑަށް ހުޅުވާލެވޭނެ ކަމަށް ވިދާޅުވި އެވެ.
"ޔޮޓް މެރީނާ ތަރައްގީ ކުރުމަށް ބަޔަކު ޝައުގުވެރިކަން ފާޅުކުރުމުން، އެކަމަށް އިތުރު ބަޔަކު ޝައުގުވެރިވޭތޯ ބެލުމަށް އީއައިސީ އަށް ހުޅުވާލީ. މިއީ ފުރަތަމަ ސްޓެޕް. ދެން މި ފަރާތްތަކަށް އަޅުގަނޑުމެން ފޮނުވާނީ މިކަމަށް ބިޑް ހުށަހެޅުމަށް. ގަބޫލުކުރެވޭ ގޮތުގައި އަންނަ މަހުގެ ތެރޭގައި އަނެއް ސްޓެޕަށް އަޅުގަނޑުމެންނަށް ދެވޭނެ،" ސުހައިލް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ހުޅުމާލޭގައި ޔޮޓް މެރީނާއަކާއި ކުރޫސް ޓާމިނަލުން އެކި ސައިޒުގެ 300 އަށްވުރެ ގިނަ ޔޮޓް އަދި ސަފާރީއަށް ހިދުމަތް ދެވޭނެ އެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޔޮޓް މެރީނާއަކާއި ކުރޫސް ޓާމިނަލެއް ގާއިމުކުރުމުގެ އިތުރުން، ޓޫރިޒަމް އައިލެންޑަކާއި ހެރިޓޭޖް އައިލެންޑަކާއި އައިޓީ ޕާކަކާއި ކޮމާޝަލް ސްޕައިންއަކާއި ނޮލެޖް ޕާކަކާއި ޕްރިމިއަމް ވިލާސްއާއި ސިޓީ ހޮޓަލެއް އަދި ޝޮޕިން މޯލްތައްވެސް ގާއިމުކުރުމަށް ވެސް ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު