މީގެ ފަސް އަހަރު ކުރިއެވެ. މުޅި ގައުމު ރޮއްވައިލީ ތިން އަހަރު ނުފުރޭ ކުޑަކުޑަ ކުއްޖެއްގެ މަރުގެ ހިތާމަވެރި ހަބަރާއެކުއެވެ. ރަހުމްކުޑަކަމާއި އަނިޔާވެރިކަމުގެ ޝިކާރައަކަށް ވެ، ތުއްތު ތުއްތު ކުއްޖަކު މި ދުނިޔެ ދޫކޮށް ދިޔަ ހަބަރާއެކު މުޅި ގައުމު ކަރުނަ އަޅައި ރުޔެވެ. އެ ހަބަރާއެކު ގެނުވި ސިހުން އަދި އެއަށްވުރެވެސް ބޮޑެވެ. މައެއްގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ވ. ރަކީދޫގައި އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލް މަރުވެދިޔަ ހަބަރަކީ އެއްވެސް މަޔަކަށް ނުވަތަ އެއްވެސް ދިވެއްސަކަށް އަޑުއަހަން ފަސޭހަވި ހަބަރެއް ނޫނެވެ. އަނިޔާވެރި އެ އަމަލަށް އިންސާފު ލިބޭނެ ދުވަހަކަށް މުޅި ގައުމު އޮތީ އެދި އެދިއެވެ.

އާފިޔާގެ އަނިޔާވެރި ލާއިންސާނީ އަމަލުތައް އަޑުއިވުނު ބަޔަކު ރޯނެކަން ޔަގީނެވެ. ކުޑަކުޑަ މައުސޫމް އިބްތިހާލަށް އަނިޔާދިން ގޮތް އޭނާ ވަނީ ތަހުގީގަށް ފުރިހަމައަށް ކިޔައިދީފައެވެ. އާފިޔާ ބުނި ގޮތުގައި އިބްތިހާލް މަރުވި ދުވަހު، އާފިޔާ ކޮޓަރިއަށް ވަތްއިރު އިބްތިހާލް އޮތީ ހުސް ނެޕީއާއެކު ކޮޓަރީގެ އަލަމާރީ އާއި ފާރާ ވީ ހުސްތަންކޮޅުގައި ބާލީހެއް ބާއްވައި އޭގެމަތީ ބޯއަޅައިގެންނެވެ. އެއަށްފަހު އާފިޔާ ގޮސް އިބްތިހާލުގެ ކަނާއަތުގައި ހިފާ ނަގައި އަނބުރާލުމަށްފަހު އުއްޑުން ބާއްވައި އޭނާގެ ކަރުގައި ބާރަށް ހިފައި ނޭވާ ހާސްކޮށްލިއެވެ.

އެވަގުތު އިބްތިހާލު އޭނާގެ މޫނަށް ބަލަން އޮވެ، ވަރަށް މަޑުމަޑުން "މަންމާ" އޭ ކިޔައި ގޮވައިލި ކަމަށް އާފިޔާ ބުނެފައިވެއެވެ. ނަމަވެސް އިބްތިހާލްގެ ކަރުން ދޫނުކޮށް، ބާރަށް ހިފަހައްޓައިގެން އާފިޔާ ހުއްޓެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އިބްތިހާލްގެ ކަރުން ލޭ އަންނަން ފަށައި އިބްތިހާލް ތެޅެން ފަށުމުން އާފިޔާ އޭނާ ދޫކޮށްލި ކަމަށް ބުނެފައިވެއެވެ. އޭގެ ފަހުން ފައި ކުރުކޮށްފައި އިބްތިހާލުގެ މޭ މަތީގައި ބާރަށް ތިން ފަހަރު ކޮޅުފައިން ޖެހިއެވެ. އަދި އެއަށްފަހު ކަށިމަތީގައި ފައިން ޖެހުމަށްފަހު އެންމެ ފަހުން ދަތްދޮޅިގައިވެސް ބާރަށް ޖެހި ކަމަށް އާފިޔާ އަމިއްލައަށް އިއުތިރާފުވެފައިވެއެވެ.

އިންތިހާލަށް ވޭންދެނި އެތައް އަނިޔާތަކެއް ދިނުމަށްފަހު އާފިޔާ އޭނާގެ އަންހެން ދަރިފުޅު ގޮވައިގެން ގޮސް އިނީ އަވަށްޓެރިއެއްގެ ގޭގައި ހިތްއުފާ ކޮށްލަން ޓީވީ ބަލާށެވެ. އެއިރު އެކުޑަކުޑަ އިބްތިހާލް ދިޔައީ މަރާ ހަނގުރާމަ ކުރަމުންނެވެ. ކަރުން ދިޔައީ ލޭ ފައިބަމުންނެވެ. އެދެމުން ދިޔައީ އެހީތެރިވާނެ އިންސާނަކަށެވެ. ގުނަމުން ދިޔައީ ހަޔާތުގެ އެންމެ ފަހު ވަގުތުކޮޅެވެ. މަންމަގެ އަނިޔާވެރި އަތުން ލިބުނު އަނިޔާއާ އެކު ހަޔާތުގެ ވަހު ނޭވާ އެ ތުއްތު ކުއްޖާ ދޫކޮށްލި އިރު އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނޭ އެއްވެސް މީހަކު ނެތެވެ. އާފިޔާ އެނބުރި ގެއަށް ދިޔައީ އެދުވަހުގެ މެންދުރު ވާން އުޅެނިކޮށެވެ. ގެއަށް ގޮސް ކޮޓަރިއަށް ވަދެ ބެލިއިރު އިިބްތިހާލްގެ އެއްވެސް ހަރަކާތެއް ނެތެވެ. އިބްތިހާލް އޮތީ ހޭނެތިފައެވެ. އިބްތިހާލް މިދުނިޔެއާ އަލްވަދާއު ކިޔާފައިވަނީ އެދުވަހު ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ.

އިބްތިހާލްގެ މަރާ ގުޅިގެން އާފިޔާގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ. އެއީ ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާ އާއި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ. އިބްތިހާލްގެ މަރަށް ފަސް އަހަރާއި 11 މަސް ފުރުނު ދުވަހު ކްރިމިނަލް ކޯޓުން ވަނީ އާފިޔާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި އެދެ ދައުވާގެ ހުކުމް އިއްވައިފައެވެ. އެގޮތުން ގަސްދުގައި ކުއްޖަކު މަރާލުމުގެ ދައުވާއަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު، އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއަށް އާފިޔާގެ މައްޗަށް އިއްވާފައިވަނީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

މީގެ ކުރިން ބޭއްވި ބައެއް ޝަރީއަތްތަކުގައި އާފިޔާ ވަނީ އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށާއި އޭނާ ގަސްދުގައި އިބްތިހާލް ނުމަރާކަމަށް ބުނެ، ކުރިން ވެފައިވާ އިއުތިރާފްތަކަށް އިންކާރުކޮށްފައެވެ. ނަމަވެސް މައްސަލަ ބެއްލެވި ގާޒީ މުހައްމަދު ސަމީރު ވިދާޅުވެފައިވަނީ އާފިޔާ ވެފައިވާ އިއުތިރާފު އަނބުރާ ގެންދެވޭނެ ސަބަބެއް ދެއްކިފައި ނުވާ ކަމަށެވެ. އަދި އިބްތިހާލް މަރުވެފައިވަނީ އާފިޔާ ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް ބާރު ލިބޭ ހެކިތަކާއި ޑޮކްޓަރުންގެ ރިޕޯޓުތައް ފަދަ ގާރީނާތަކުގެ މައްޗަށް ބަލުމުން އެނގޭ ކަމަށެވެ. އެހެންވެ، އާފިޔާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގާޒީ ނިންމެވިއެވެ. އެ ހުކުމުން ތިލަވެގެންދިޔައީ މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތަކެވެ. ނަގައިދިނީ ބޮޑެތި ފިލާވަޅުތަކެވެ.

އިބްތިހާލް މަރުވެގެންދިޔައީ ވަރަށް ގިނަ ދުވަހު ވޭނާއި އަނިޔާ އާއި ހިތްދަތިކަމުގެ ތެރޭގައެވެ. އެކަން ޑޮކްޓަރުންގެ ރިޕޯޓުތަކުން ވަރަށް ފުރިހަމައަށް ތިލަވެގެންދިޔައެވެ. ނަމަވެސް އެހުރިހާ އަނިޔާއެއް އިބްތިހާލަށް ލިބިގެންދިޔައިރު، އެކަން ސިއްރުކުރި ބަޔަކުވެސް އެބަތިއްބެވެ. އެކަން ބޮޑު ކަމަކަށް ނުހަދައި އަޅައި ނުލި ބަޔަކުވެސް ތިއްބެވެ. އިބްތިހާލަށް އެ ހަމަލާތައް ނުސީދާ ގޮތެއްގައި ދިން ބަޔަކުވެސް އެބަތިއްބެވެ.

ހުކުމުން ތިލަވެގެންދިޔަ އެއް ކަމަކީ އިބްތިހާލާ ގުޅިގެން އެރަށު ރައްޔިތުން އާފިޔާއަށް ކުރި މަލާމާތެވެ. ބައްޕަ ނެތް ކުއްޖަކަށްވީތީ ކުރި މަލާމާތެވެ. އާފިޔާގެ ދޮން ބައްޕައާ ވައްތަރު ކަމަށްބުނެ، ރައްޔިތުން ކުރި މަލާމާތަކަށް ވެގެންދިޔައީ އާފިޔާ ރުޅިގަނޑު ގަދަވެ، އިބްތިހާލަށް އެ ރުޅިގަނޑު ބާލަން ފެށުމެވެ. ކުރި މަލާމާތަކުން ގެއްލިގެންދިޔައީ ކުއްޖެއްގެ ފުރާނައެވެ.

ކުރި މަލާމާތުގެ އިތުރަށް އާފިޔާގެ ރައްޓެއްްސަކު ސީރިއަސްކަމެއްނެތި ދެއްކި ވާހަކައަކުން އިބްތިހާލުގެ ފުރާނަ ގެއްލުނީއެވެ. އިބްތިހާލު މަރުވުމުގެ އެއް ދުވަސް ކުރިން އާފިޔާގެ ރައްޓެއްސަކު "ޖެއްސުމަށް" ބުނި ވާހަކައަކީ ޖެހި ޖެހީނުން މަރާލައި، ފޮށްޓަކަށް ލައި މޫދަށް އެއްލާލާށޭ،"އެވެ. މިއީ އާފިޔާއަށް އެ ތުއްތު ތުއްތު ކުއްޖާ މަރާލުމަށް ބާރު ލިބުނު އެއް ސަބަބެވެ. ސީރިއަސް ކަމެއްނެތި ބުނެލި ބަހަކުން ގެއްލިގެން ދިޔައީ ތުއްތު ތުއްތު ފުރާނައެކެވެ. އާފިޔާ އެކަނި ކުށްވެރި ކޮށްގެން ތިބެވެން ނެތްކަން ހުކުމުން ވަރަށް ރަނގަޅަށް ސާފުކޮށްދީފިއެވެ.

ޝަރީއަތުގެ މަޖިލީހުގައި އިއްވި ހުކުމުން ތިލަކޮށްދިން އަނެއް ކަމަކީ އިބްތިހާލަށް އަނިޔާ ކުރިއިރު، އެރަށުގައި އެކަން ދަންނަ އެތައް ބަޔަކު ތިބި ކަމެވެ. އިބްތިހާލް ރުއިމުގެ އަޑާއި ތަހަންމަލް ކުރަމުންދިޔަ ވޭނުގެ އަޑު އިވުނު އެތައް ބަޔަކު ތިބި ކަމެވެ. އިބްތިހާލް މަރުވި ދުވަހުވެސް އޭނާގެ ރުއިމުގެ އަޑު އިވުނު ބަޔަކު ތިއްބެވެ. ނަމަވެސް އެ ކުޑަކުޑަ ފުރާނަ މި ދުނިޔެއާ ވަކިވެގެންދިޔައީ މަންމައެއްގެ އަނިޔާގެ ސަބަބުން އެކަންޏެއް ނޫނެވެ. އެރުއިމާއި އެ ކެކުޅުން އަޑުއެހި އެތައް ބައެއްގެ އިހުމާލުންނެވެ.

އިބްތިހާލު މަރުވުމުގެ އެއް މަސް ދުވަސް ކުރިން އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ކައުންސިލްގެ ޒިންމާދާރުވެރިޔާގެ ފަރާތުން ފުލުހަށާއި ޖެންޑާއަށް އެމައްސަލަ ހުށަހެޅިއެވެ. އަދި ޖެންޑާ އާއި ފުލުހުން އެރަށަށް ދިއުމުން، އާފިޔާ ވަނީ އޭނާއަށް އިބްތިހާލު ނުބެލޭނެ ކަމަށާއި ދައުލަތުގެ ބެލުމުގެ ދަށަށް އިބްތިހާލު ގެންދިއުމަށް އެދިފައެވެ. ނަމަވެސް މުއައްސަސާތަކުން އެކަން ބޮޑު ކަމަކަށް ނުހަދައި، ވީ އިހުމާލުގެ އާހިރު ނަތީޖާއަކަށް ވެގެންދިޔައީ އެ ތުއްތު ކުއްޖާ އޭގެ މަހެއް ފަހުން މަރުވެގެން ދިއުމެވެ.

"ކުއްޖާގެ ކަރާމާތާއި ޖިސްމަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަން އެނގެން އޮތްއިރު، އެވަގުތަކީ އަވަސް ފިޔަވަޅެއްގެ ގޮތުން އާފިޔާގެ އަތުން ކުއްޖާ ނެގުން ދައުލަތުގެ އިދާރާތަކުގެ މައްޗަށް ވާޖިބުވާ ޟަރޫރީ ހާލަތެއްކަން އެނގެން އޮތްކަމުގައިވިޔަސް، ކުއްޖާ އާފިޔާގެ އަތުން އަތުނުލައި ބެހެއްޓުމުގެ ނަތީޖާއަކީ އަނެއްކާވެސް މަހެއްހާ ދުވަސްވީތަނާހެން 2015 ޖެނުއަރީ 28 ވަނަ ދުވަހު މުހައްމަދު އިބްތިހާލުގެ ޖިސްމަށް އަނިޔާ ކުރުމުގެ ސަބަބުން ކުއްޖާ މަރުވުން،" މިދިޔަ ހޯމަ ދުވަހު ކުރިމިނަލް ކޯޓްގައި އިއްވި ހުކުމުގައިވެއެވެ.

އިބްތިހާލު މަރުގެ މައްސަލައިގައި އިހުމާލުވި އެތައް ބަޔަކު ތިބިކަން ތިލަވެގެން ގޮސްފައިވާއިރު، އިހުމާލުވީ ކިހާ ހިސާބަކުން ހެއްޔެވެ؟ އިހުމާލުވެފައިވަނީ އިބްތިހާލު މަރުވުމުގެ އަހަރުތަކެއް ކުރިންނެވެ. އެއީ އާފިޔާއަށް ލިބެން ޖެހޭ އިންސާފު ނުލިބުމުގެ އިހުމާލެވެ. އާފިޔާގެ މުޅި ހަޔާތް ބަނަކޮށްލި ހިތްދަތި ދިރިއުޅުމަށް އިންސާފު ނުލިބި ދިގުލައިގެން ދިއުމުގެ ނަތީޖާއަކީ އިބްތިހާލުގެ މަރެވެ.

އާފިޔާގެ ފަރާތުން ޝަރީއަތަށް ހުށަހަޅާފައިވާ 14 ސޮފްހާގެ ބަޔާނުން ވަރަށް ގިނަ ކަންކަން ސާފުވެގެންދިޔައެވެ. އެގޮތުން އާފިޔާގެ ބައްޕަ މަރުވުމަށްފަހު އާފިޔާ އުޅުނީ ވަރަށް ހާލުގައެވެ. އެ ހިތްދަތިކަމަށް ބަނަކަން ގެނައީ އޭނާ ކުޑަކުޑައިރު، ބޮޑުދައިތަގެ ފިރިމީހާގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވުމެވެ. އެވާހަކަތައް ބޮޑުދައިތައަށް ކިޔައިދިނުމުން އާފިޔާ ދޮގު ހަދަނީ ކަމަށްބުނެ، މުޅި ރަށުގައި އޭނޭ ބޭޒާރު ކުރީއެވެ.

އޭގެ ފަހުން މާލެއަށް ކިޔަވަން އައީ އާ އުންމީދުތަކަކާއެކުއެވެ. ނަމަވެސް އެގެއިންވެސް އާފިޔާއަށް އަނެއްކާވެސް ލިބުނީ އަނިޔާއެވެ. އާފިޔާއަށް ވަޅިން ބިރުދައްކައި ޖިންސީ ގޯނާ އެތައް ފަހަރެއްގެ މަތިން ކުރިއެވެ. އަދި އެވާހަކަ އޭނާގެ މަންމައަށް ގުޅާފައި ބުނުމުން މަންމަ ގަބޫލު ނުކުރި ކަމަށްވެސް އާފިޔާ ބުނެފައިވެއެވެ.

އާފިޔާގެ ބަޔާނުގައިވާ ގޮތުން އޭގެ ފަހުން އޭނާ ގޮސް ކިޔަވަން ހުރީ މ. މަޑުއްވަރީގައެވެ. ގްރޭޑް އަށަކަށް ކިޔެވުމަށް އެރަށަށް ދިއުމުންވެސް އާފިޔާއަށް ކުރިމަތިވީ ޖިންސީ ގޯނާތަކެވެ. އެވާހަކަތައް ދެއްކުމުން އަނެއްކާވެސް އޭނާގެ މަންމަ ދިނީ ބީރު ކަންފަތެކެވެ.

އޭގެ ހަތަރު އަހަރު ފަހުން ޖީސީއީ އޯލެވެލް ހެދުމަށްފަހު އެނބުރި ރަށަށްދިޔައިރު، އޭނާގެ މަންމަ އުޅެނީ އިތުރު ކައިވެންޏެއް ކޮށްގެނެވެ. ނަމަވެސް އާފިޔާ އެފަހަރު ހުރީ އެމީހުންނާ ވަކިންނެވެ. އަދި މަޖުބޫރުވެގެން ރުފިޔާ ހޯދުމަށް ދިއުމުން އާފިޔާގެ ދޮންބައްޕަ ރުޅި އައިސްގެ އޭނާގެ ކަރުގައި ހިފައި އަނިޔާ ކުރި ކަމަށާއި އެކަން ހުއްޓުވީ އެރަށު ބަޔަކު ކަމަށް އާފިޔާ ބުނެފައި ވެއެވެ. އަދި އެމައްސަލަ އޭރު ކަތީބަކަށް ހުރި މީހާއަށް ހުށަހެޅުމުން ބަލާފައި ނުވާ ކަމަށްވެސް އާފިޔާ ބުނެފައިވެއެވެ.

އޭގެ ފަހުން އޭނާގެ މަންމަ ކެޔޮދޫއަށް ބަދަލުވުމުން، އާފިޔާއަށްވެސް ޖެހުނީ މަޖުބޫރު ހާލަތުގައި ކެޔޮދޫއަށް ބަދަލުވާށެވެ. އާފިޔާ ކެޔޮދޫއަށް ބަދަލުވުމުން، އޭނާގެ މަންމަ އާއި ދޮން ބައްޕަ އާފިޔާ ބޭނުންކޮށްގެން ހަށި ވިއްކަން ފެށިއެވެ. އަދި އެކަމަށް އިންކާރުކޮށްފި ނަމަ އަނިޔާ ކުރާ ކަމަށްވެސް އާފިޔާ ބުނެފައިވެއެވެ.

އާފިޔާގެ ދޮން ބައްޕަ، އޭނާއާ ޖިންސީ ގުޅުން އެތައް ފަހަރަކު ހިންގި ކަމަށާއި ހިންގި އަދަދުވެސް ނޭނގޭ ކަމަށް އާފިޔާ ބުނެފައިވެ އެވެ. އަދި ބައެއް ފަހަރު އޭނާގެ މަންމަ ކުރިމަތީގައިވެސް ދޮން ބައްޕަ ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށްވެއެވެ. ދޮން ބައްޕައާއެކު ޖިންސީ ގުޅުން ހިންގަން ދެކޮޅު ހަދައިފިނަމަ މަންމަ އޭނާއަށް އަނިޔާ ކުރާ ކަމަށްވެސް އާފިޔާ ދީފައިވާ ބަޔާނުގައިވެއެވެ.

އާފިޔާ، އިބްތިހާލަށް ބަލިވެ އިނީ އެދުވަސްވަރެވެ. އާފިޔާ ވަނީ ގަދަކަމުން ހަށިވިކުވިއިރު، އޭނާއާ ގުޅުން ހިންގީ ކިހާ މީހުންކަމެއް ބުނަންވެސް ނޭނގޭ ކަމަށް ބުނެފައެވެ. އަދި ބައެއް ރޭ ރޭ އޭނާ ނިދާ ހޭލާއިރު ދޮން ބައްޕަ ކައިރީގަ އޮވެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނުހުންނަ ކަމަށް އާފިޔާ ވަނީ ބުނެފައެވެ.

އާފިޔާގެ އެ ހިތްދަތި ދިރިއުޅުމުގެ "އުދާސްތައް" ކަމާބެހޭ އެކި އިދާރާތަކަށް ހުށަހެޅިއެވެ. ނަމަވެސް އެކަންތައްތަކަށް އެތައް ދުވަހެއް ވެގެންދިޔަ އިރުވެސް އެއްވެސް އަލިމަގެއް ފެނިފައެއް ނުވެއެވެ. އާފިޔާއަށް އެއްވެސް އިންސާފެއް ލިބިފައެއް ނުވެއެވެ. އިހުމާލުވީ ފަރާތްތައް މިއަދު ކޮބާތޯ ސުވާލު އުފައްދަން ޖެހެއެވެ.

"އާފިޔާ އަށް މަންމަ އާއި އާއިލާގެ އެކި މީސްމީހުންގެ އަނިޔާ އާއި ހިތްދަތިިކަން ލިބިފައިވާ ކަން ފާހަގަވޭ. އެކަމަކު ދައުލަތުގެ އިދާރާތަކަށް އެ މައްސަލަތައް ހުށަހަޅައިގެން އިންސާފު ނުލިބިގެން އުޅެނިކޮށް އާފިޔާ ވެސް ކުށުގެ ވެށްޓަށް ބަދަލު ވެ، އާފިޔާގެ މައްޗަށް ދައުވާ ކުރެވުނީ. އަދި އަދަށް ދާންދެން ވެސް އާފިޔާގެ ހިތަށާއި ނަފްސަށް ލިބުނު އަނިޔާގެ އެއްވެސް މައްސަލައެއް ބެލިފައެއް ނެތް." ހުކުމުގައިވެއެވެ.

އާފިޔާގެ އަނިޔާތަކުގެ ސަބަބުން އިބްތިިހާލް މަރުވެގެން ދިޔައީ އާފިޔާއަށް ލިބުނު އަނިޔާތަކަށް އިންސާފު ނުލިބި ވަނިކޮށެވެ. އެހެންކަމުން އެފަދަ "ދެވަނަ އާފިޔާއެއް" އުފަންވިޔަ ނުދިނުމަށް އެފަދަ ކުދިންނަށް ރައްކާތެރިކަން ދޭން ހާއްސަ ފިޔަވަޅުތަކެއް ދައުލަތުން އަޅަން ޖެހޭ ކަމަށް ހުކުމުގައި ބުނެފައިވެއެވެ. ނަމަވެސް އާފިޔާއަށް އިންސާފު ލިބިފައި ނުވުމަކީ އިބްތިހާލަށް އިންސާފު ލިބެން ނުޖެހޭ ސަބަބެއް ނޫން ކަމަށްވެސް ހުކުމުގައިވެއެވެ.

"އާފިޔާ އަށް ކުޑައިރުއްސުރެ ފެށިގެން ލިބުނު އަނިޔާތައް ބެލި، އިންސާފު ލިބިފައި ނެތުމަކީ އާފިޔާގެ ފުށުން މުހައްމަދު އިބްތިހާލަށް ލިބުނު އަނިޔާތަކަށް އިންސާފު ނުލިބެންވީ ސަބަބެއް ކަމަށް ގަބޫލު ކޮށްގެން ނުވާނެ." ހުކުމުގައިވެއެވެ.

އިބްތިހާލު މަރާލީ އާފިޔާއެވެ. އެކަން ޝަރީއަތަށް ހުށަހެޅުނު ރިޕޯޓްތަކާއި ހެއްކާއި ގަރީނާއިން ވަރަށް ރަނގަޅަށް ސާފުވެއްޖެއެވެ. އަދި ކޯޓުން މިހާރު އެވަނީ އިބްތިހާލު މަރާލި ކަމުގެ ކުށް އާފިޔާގެ މައްޗަށް ސާބިތުވާ ކަމަށްވެސް ނިންމައިފައެވެ. އާފިޔާ އަކީ އިބްތިހާލުގެ ގާތިލު ނަމަވެސް މަރަށް މަރު ނުހިފޭނެ ކަމަށް ގާޒީ ވަނީ ކަނޑައަޅައިފައެވެ.

އިސްލާމީ ޝަރީއަތުގައިވާ ގޮތުން ގަސްތުގައި މީހަކު މަރައިފިނަމަ، އޮންނަނީ މަރަށް މަރުހިފުމެވެ. ނަމަވެސް އިސްލާމީ ޝަރީއަތުގެ ޖުމްހޫރު އިލްމުވެރިންގެ ރައުޔަށް ބަލާއިރު މި މައްސަލާގައި އާފިޔާގެ ކިބައިން މަރަށް މަރު ނުހިފޭނެއެވެ. ސަބަބަކީ ދަރިން މަރައިގެން މައިންބަފައިންގެ މައްޗަށް ގިސާސް ނުވަތަ މަރުގެ އަދަބު ނުދެވޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން ވިދާޅުވާތީއެވެ. އެއީ ދަރިިން ދުނިޔެއަށް އަންނަނީ މައިންބަފައިންގެ ފުށުން ކަމަށް ވާތީއެވެ.

ނަމަވެސް ތައުޒީރީ އަދަބެއްގެ ގޮތުން މައިންބަފައިންގެ މައްޗަށް ވެސް އަދަބު ދެވިދާނެއެވެ. އެކަމަށް ގާނޫނުލްއުގޫބާތުގެ ދަށުން ހުރަހެއް ނެތް ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މަރަށް މަރު ހިފޭނީ ހުރިހާ ވާރިސުން އެކަމަށް ބޭނުންވާ ނަމައެވެ. ނަމަވެސް އިބްތިހާލްގެ ވާރިސުންގެ ގޮތުގައި ތިބީ އާފިޔާ އާއި އޭނާގެ ބާލިގު ނުވާ އެއްބަނޑު ދެ ކޮއްކޮއެވެ. އަދި އިބްތިހާލުގެ މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް އާފިޔާގެ މަންމަ އަދި އިބްތިހާލްގެ މާމަ ވަނީ ބުނެފައެވެ. އެހެންކަމުން ގިސޯސް ހިފޭނެ ސަބަބެއް ނެތް ކަމަށް ގާޒީ ވަނީ ނިންމަވައިފައެވެ.

ރަކީދޫގައި ގާތްގަނޑަކަށް މީގެ ހަ އަހަރު ކުރިން މައެއްގެ ފަރާތުން ލިބުނު ވޭންދެނިވި އެތައް އަނިޔާތަކެއްގެ ސަބަބުން މި ދުނިޔެ ދޫކުރި އިބްތިހާލަށް މިއަދު މިވަނީ ޝަރީއަތުން ލިބެން ޖެހޭ އިންސާފު ލިބިފައެވެ. ނަމަވެސް އެ ޝަރީއަތުން ނަގައިދިނީ ވަރަށް ބޮޑު ފިލާވަޅުތަކެކެވެ. ދަސްކޮށްދިނީ މުޖުތަމައާއި މުއައްސަސާތައް ފެއިލްވެއްޖެނަމަ، އޭގެ ނަތީޖާ ވަރަށްވެސް ހިތިވާނެ ކަމެވެ. އެހެންކަމުން "ދެވަނަ އާފިޔާ" އެއް އުފަން ނުކުރުމަށް މިއަދު ޒިންމާދާރުވާން މިވަނީ މަޖުބޫރުވެފައެވެ. ބައްޕައެއް ނެތި އުފަންވުމުގެ ޒިންމާ ދަރިޔަކު ނަގަން ނުޖެހޭނެކަން މުޖުތަމައު ގަބޫލުކުރާން ޖެހެ އެވެ. އަދި އެފަދަ ކުދީންނަށް ވެސް ދިރިއުޅުމުގެ ފުރިހަމަ ހައްގު ދޭން ޖެހޭކަން ގަބޫލުކޮށް އެކަން ފުރިހަމަ ގޮތުގައި ބަލައިގަންނާނެ ޖެހެ އެވެ.