ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅުގެ ބޭސްފަރުވާ އާއި އުމްރާގެ އަޅުކަމަށް އެއްކޮށްފައިހުރި ފައިސާކޮޅު ވަގަށް ނެގި ކަމުގެ ތުހުމަތު ކުރެވެނީ އާއިލާގެ މެންބަރަކަށް ކަން "ވަން" އަށް އެނގިއްޖެ އެވެ.

ގދ. ތިނަދޫ ގެއަކުން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނަގާފައިވަނީ މިމަހުގެ 23 ނޫނީ 24 ވަނަ ދުވަހު ކަމަށް އެ ފައިސާގެ ވެރިމީހާ ބުނެފައި ވެއެވެ. އަދި ފައިސާ ވަގަށް ނަގާފައިވަނީ ގޭގެ އެއްވެސް ތަނަކަށް ގެއްލުން ނުދީ އެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ނަރުހެއްގެ ވަޒީފާ އަދާކުރަމުން އަންނަ އަންހެނަކު އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ އޭނާގެ ދަރިފުޅުގެ ބޭސްފަރުވާ އާއި އެ ދަރިފުޅު ގޮވައިގެން އުމްރާގެ އަޅުކަމަށް ދިޔުމަށް އެއްކޮށްފައިވާ 7،700 އަށްވުރެ ގިނަ ޑޮލަރާއި 2،000 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށެވެ. މިއީ އޭނާ ހަތަރު އަހަރު ދުވަހުގެ މަސައްކަތުން އެއްކޮށްފައިވާ ފައިސާ ކަމަށާއި އެ ފައިސާ ވަގަށް ނަގާފައިވަނީ އޭނާ ދިރިއުޅެ ގޭގެ އަލަމާރިން ކަމަށްވެސް ބުނެފައި ވެއެވެ.