ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާ ނުލައި ކްލަބުން ކުޅުނު ލީގު މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
ރޭ އަމިއްލަ ދަނޑުގައި ބާސާއިން އެއިބާއާ ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމުނުއިރު، އަނިޔާގެ ސަބަބުން މެޗުގައި ނުކުޅެ ހުރި މެސީ ސްޓޭޑިއަމްގައި މެޗު ބަލަން އިނީ މާޔޫސް ކަމުގައެވެ. މާސްކެއް އަޅައިގެން މެޗު ބަލަން އިން މެސީ، މެޗު ނިންމާފައި ދިޔައީ ދެކޮޅަށް ބޯހޫރުވައި ހިތްހަމަ ނުޖެހި ހުރެގެންނެވެ.
މެޗުގެ ފުރަތަމަ ހާފްގައި ބާސާއަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެގެން ދިޔައެވެ. ޕެނެލްޓީ އޭރިއާ ތެރެއިން އެއިބާގެ ކުޅުންތެރިޔަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނެލްޓީ މާޓިން ބްރައިތުވައިޓް ޖެހި ނަމަވެސް އެ ޕެނެލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. ބާސާގެ ފުރުސަތު ނަގާލި ނަމަވެސް މެޗުގެ 57 ވަނަ މިނެޓުގައި އެއިބާއަށް ލިބުނު ފުރުސަތުގައި އެޓީމުން ލީޑު ނެގިއެވެ. އެއިބާއަށް ލީޑު ނަގައިދިނީ ކީކޭ ގާސިއާއެވެ.
އެއިބާގެ ގޯލާއެކު ބާސާއިން ގޯލަކަށް އިތުރަށް މަސައްކަތް ކުރަން ފެށިއެވެ. މެޗުގެ 10 ވަނަ މިނެޓުގައި އުސްމާން ޑެމްބޭލޭގެ ގޯލާއެކު ބާސާއިން ނަތީޖާ ހަމަހަމަ ކުރިއިރު، ބްރެތުވެއިޓަށް ވަނީ މެޗުން މޮޅުވާންވެސް ފަހި ފުރުސަތެއް ލިބިފައެވެ. ގޯލް ކައިރިން އޭނާއަށް ލިބުނު ހުސް ފުރުސަތު ފޮނުވާލި ނަމަވެސް ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.
ރޭގެ މެޗުގައި ބާސާގެ ކެޕްޓަން މެސީ ކުޅެފައި ނުވަނީ އޭނާގެ ފައިގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅު ނުވާތީއެވެ. މެޗުގެ ކުރިން ބާސާގެ ކޯޗު ރޮނަލްޑް ކޯމަން ބުނެފައި ވަނީ މެސީއަށް ރެސްޓް ބޭނުންވާ ކަމަށާއި، މެސީގެ ފަރާތުން ކުދިކުދި އަނިޔާގެ މައްސަލަތައް ފެންނަނީ އެކަށީގެންވާ ވަރަށް ރެސްޓް ނުކޮށް މެޗުތައް ކުޅޭތީ ކަމަށެވެ.
ރޭގެ މެޗުން ލިބުނު ޕޮއިންޓާއެކު ބާސާ އޮތީ ލީގު ތާވަލުގެ ހަވަނައިގައެވެ. އެޓީމަށް 15 މެޗުން ލިބިފައި ވަނީ 25 ޕޮއިންޓެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު