ތިލަފުށީގެ މާސްޓަރ ޕްލޭން މިހާރު ފެށިފައިވާ ކަމަށާއި އެ ޕްލޭން އަންނަ އަހަރުގެ މާޗު މަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ސުހައިލް ވިދާޅުވީ ގްރޭޓާ މާލޭ އިންޑަސްޓްރިއަން ޒޯން ލިމިޓެޑާއި އެޗްޑީސީ އެއްކޮށްލި ނަމަވެސް ތިލަފުށީގެ ބިމު ކުއްޔަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އެގޮތުން ތިލަފުށީގެ ބިމުގެ އަގު ބިނާވާނީ މާކެޓުގެ އަގަށް ކަމަށް ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގެ ތަރައްގީގެ މަސައްކަތްތަކުގެ ޕްލޭން ހަދަމުން އަންނަ ކަން ފާހަގަކުރައްވައި ސުހައިލް ވިދާޅުވީ، ގުޅީފަޅުގެ މާސްޓާ ޕްލޭން ހަދަނީ ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ކަމަށެވެ. އަދި ތިލަފުށީގެ މާސްޓާ ޕްލޭން ހަދަނީ އެޗްޑީސީން ކަމަށާއި އެ މަސައްކަތް މާޗު މަހަށް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.
"ތިލަފުށީގެ މާސްޓާ ޕްލޭން މި ހަދަނީ އަޅުގަނޑުމެން [އެޗްޑީސީ]އިން. ދެން މިއަދު ފުރަތަމަ ކޮންސެޕްޓް ގޯ ތުރޫ ކުރީ. އެހެންކަމުން އަޅުގަނޑުމެންގެ ޓާގެޓަކީ މާސްޓާ ޕްލޭން މާޗު މަަހަށް ނިންމަން" ސުހައިލް ވިދާޅުވިއެވެ.
މީގެ އިތުރުން ސުހައިލް ވިދާޅުވީ ތިލަފުށީގައި 140 ހެކްޓަރު ބިން އިތުރަށް ހިއްކެން އެބައޮތް ކަމަށެވެ. އަންނަ އަހަރުތެރޭގައި ތިލަފުށީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށޭނެ ކަމަށާއި އެ މަޝްރޫއު ނިމުމުން ސިނާއީ ގިނަ ކަންތައްތަކަށް ބިން ދޫކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ސަރުކާރުގެ ސިނާއީ މަސައްކަތްތައް ތިލަފުށްޓަށް ބަދަލު ކުރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު