މަސްތުވާތަކެތީގެ ވަބާއަކީ ރާއްޖޭގައި އިއްޔެއަކު މިއަދަކު ފެންނަމުން އަދި ފެތުރެމުންދާ ވަބާއެއް ނޫނެވެ. އާއިލީ މައްސަލަތަކުން ފެށިގެން ރައްޓެހިންނާއެކު "ކޫލް"ވުމަށް މި ވަބާގައި ޖެހޭ ޒުވާނުން ތިބީ މަދެއްކޮށެއް ނޫނެވެ. އެކަމަކު މިކަމުން އަރައިގަނެ ރީތި ސާދާ ދިރިއުޅުމެއްގައި އުޅެން ބޭނުންވާ މީހުންވެސް މަދެއް ނޫނެވެ. އެންމެންވެސް ކުރަނީ އެއް ޝަކުވާއެކެވެ. މަސްތުގެ ވަބާއިން އަރައިގަނެ މުޖުތަމައަށް ނިކުންނަން ބޭނުންވިޔަސް ފަރުވާ ނުލިބޭ ކަމުގެ ޝަކުވާ އެވެ. އެއީ ތާއަބަދުމެ ކުރަމުން އައި ޝަކުވާއެއް ނަމަވެސް މިކަމަށް ލިބޭނެ އެދެވޭ ހައްލެއް ނުފެނެ އެވެ. އެއްބަޔަކު ބުނަމުންދަނީ މިއީ ކަމާ ހަވާލުވެގެން ތިބި މުއައްސަސާތައް ދޯހަޅި ވުމުގެ ސަބަބުން ހައްލު ނުވެ އޮތް މައްސަލައެއް ކަމަށެވެ.

މިފަހުން އެންމެ ބާރަށް ފަތުއަޑުލާފައި ދެކެވެމުން ދިޔަ އެއްވާހަކައަކީ މާލޭގެ ލޯކަލް މާރުކޭޓު ކައިރީގައި ހުންނަ ގޮޅިތަކެއްގެ ތެރޭގައި ޒުވާނުންތަކެއް ނިދަމުންދާ ވާހަކަ އެވެ. ކޮވިޑް-19އިގެ ބަލިމަޑުކަމާއެކު އެތައް ބައެއްގެ ވަޒީފާ ގެއްލި މަގުމަތިވީ އެވެ. މި ގޮޅިތަކުގައި ތިބި އެއްބަޔަކީ މިގޮތަށް ވަޒިފާ ގެއްލިފައި ތިބި ޒުވާނުންނެވެ. އަނެއް ބަޔަކީ މަސްތުގެ ވަބާއިން ސަލާމަތްވުމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ)ގައި ނަން ނޯޓު ކޮށްގެން ފަރުވާ ދޭނެ ކަމަށް ބުނުމުން، އަތޮޅުތެރެއިން މާލެ އައިސް ހަވާލުވާނެ ބަޔަކު ނެތިފައި ތިބި މީހުން ކަމަށް އެ ފަދަ ބައެއް މީހުން ބުނެފައި ވެއެވެ. ފަރުވާ ލަސްވުމުގެ ސަބަބުން އަނެއްކާވެސް މަސްތުގެ ދުނިޔެއަށް ގެއްލި ހުސްވީ އެވެ. ފަރުވާ ބޭނުންވިޔަސް މުއައްސަސާތަކުގެ ދޯހަޅިކަމުން އަނެއްކާވެސް އެ ވަބާގައި ޖެހުނީއެވެ.

"އަހަރެން ރަށުގަ ހުއްޓާ މާލެ އައީ އެންޑީއޭ އިން ގުޅާފަ ބުނީމަ. ފަރުވާ ލިބޭނެޔޭ އަވަހަށް މާލެ އަންނާށޭ. ބުނީމަ އަހަރެން މިއައީ. ކޮންމެ ދުވަހަކު އެތަނަށް ދިޔަޔަސް ބުނަނީ ގުޅާލާނަމޭ. އެކަމަކު މަސްދުވަސް ދެމަސް ދުވަސް ވެގެންދާއިރުވެސް ނުގުޅާ. އާ ފެށުމަކުން ރީތި ދިރިއުޅުމެއް ފަށަން ބޭނުން. އެކަމަކު އަމިއްލަޔަށް ހުއްޓާލެވޭ ވަރަށްވުރެ ބޮޑަށް މިހާރު މިހުރީ އެޑިކްޓްވެފަ. ދެން އަހަރެން ވަންނާނެ ތަނެއްވެސް ކުރާނެ މަސައްކަތެއްވެސް ނުލިބޭ. ދެން މަގުމަތީގެ އެތަން މިތާގަ އުޅޭއިރު މިދިމާވަނީ ހުސް އެކަހަލަ ރައްޓެހިންނާ. ދެން އަނެއްކާވެސް އެކަންތައް ފެށެނީ. ބޭނުންވާ ފަރުވާ ނުލިބޭތީ އަނެއްކާވެސް ފެށެނީ." މާރުކޭޓު ކައިރީ ހުރި ގޮޅިއެއްގައި ނިދާ ޒުވާނަކު މީގެ ކުރިން ބުންޏެވެ.

ކޮންމެއަކަސް، ހަގީގަތަކީ ކޮންމެ އަހަރަކުވެސް އެތައް ބަޔަކަށް ފަރުވާއަށް ހުކުމް ކުރާއިރު، ފަރުވާގެ ކަންކަން ބަލަހައްޓައި އިންތިޒާމުކުރުމުގެ ޒިންމާ ހަވާލުވެފައިވާ އެންޑީއޭ އަށް އާންމުން ކުރާ އިތުބާރު އެތައް ގުނައަކަށް ގެއްލިފައިވާ ކަމެވެ. އެކަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ކަމާ ގުޅުންހުރި މަދަނީ ޖަމިއްޔާތަކާއި އާންމުން ދައްކާ ވާހަކަތަކުންވެސް އެނގި ސާފުވެގެން ދެ އެވެ. މަސްތުވާ ޒުވާނަކަށްވުރެ އެންޑީއޭވެފައި އޮތް "މަސްތު" މާބޮޑެވެ. އެންޑީއޭގެ ހިންގުން ދަށް ކަމަށްބުނެ މަދަނީ ޖަމިއްޔާތަކުގެ ނުވަ ހުށައެޅުމެއް ދާދި ފަހުންވެސް ވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހުށަހަޅާފަ އެވެ.

އެންޑީއޭއާ ގުޅިގެން ހުށައަޅާފައިވާ ބޮޑެތި ކަންބޮޑުވުންތަކުގެ ތެރޭގައި ފަރުވާއަށް ބޭނުންވާ ބޭސް ހުސްވުމާއި، ބޭސް ގަވާއިދުން ނުލިބޭ މައްސަލައާއި، ހިންމަފުށީގައި ގާއިމު ކޮށްފައިވާ ރިހެބް ސެންޓަރު މަރާމާތު ކުރުމަށް ކުރާ ހަރަދާ އެތަނުން ލިބޭ ހިދުމަތް ނުބައްދަލު މައްސަލައާއި، ގާނޫނުގެ ދަށުން ލާޒިމު ކޮށްފައިވާ ރިމާންޑް ސެންޓަރުތަކުން ހިދުމަތް ނުލިބޭ ކަމުގެ ޝަކުވާ ހިމެނެ އެވެ. އަދި އޭގެ އިތުރުން، އަންހެނުންނަށް ޑިޓޮކްސް އަދި ރިހެބިލިޓޭޝަން ސެންޓަރުން ލިބެން ޖެހޭ އެކަށީގެންވާ ފަރުވާ ނުލިބޭ މައްސަލައާއި، އަތޮޅު ތެރޭގައި ގާއިމު ކޮށްފައިވާ ޑިޓޮކްސް ސެންޓަރުތަކުން ދާއިމީ ގޮތެއްގައި ހިދުމަތް ނުލިބޭ މައްސަލައިގެ އިތުރުން، ފަރުވާގެ ތެރެއިން ޑިޓޮކްސް ސެންޓަރަށް ބޭނުންވާ ބޭސް ނުލިބޭ މައްސަލަވެސް ކޮމިޓީއަށް ހުށައެޅިފައިވެ އެވެ.

އެނގިފައިވާގޮތުގައި ހުކުމްކޮށް ފަރުވާ ނުފެށި 800 އަށްވުރެ ގިނަ މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ފަރުވާދޭ މަރުކަޒަކަށް ގެންގޮސް (ރެސިޑެންޝަލް) ފަރުވާ ދޭން ޖެހޭ 602 މީހަކާއި، ކޮމިޓީ ފަރުވާއަށް ހުކުމް ކޮށްފައިވާ 223 މީހެއްގެ އިތުރުން، އިންޑިވިޖުއަލް ފަރުވާއަށް ހުކުމް ކޮށްފައިވާ 64 މީހެއް ހިމެނެ އެވެ. މިއީ ހައްތަހާވެސް ފަރުވާއަށް ހުކުމްކޮށް، ފަރުވާ ނުފެށި ކިއޫގައި ތިބި މީހުންނެވެ.

ފަރުވާދިނުމުގެ ނިޒާމު ބޮއްސުންލާފައި އޮތުމުގެ ސަބަބުން މަސްތުވާތަކެތީގެ ވަބާގައި ޖެހި ޖަލަށްލާފައި ތިބި އެތައް ބަޔަކު ވަނީ ޝަރުތުތަކަކާ އެކު މުޖުތަމައަށް ދޫކުރަން ޖެހިފަ އެވެ. ގާނޫނު ބުނާ ގޮތުން ފަރުވާ ނުފެށި ހުކުމް ކޮށްފައިވާ މީހުންނަށް ފަރުވާދެވެންދެން ރިމާންޑް ސެންޓަރެއް ގާއިމްކޮށް އެތަނުގައި ބައިތިއްބަން ޖެހެ އެވެ. ނަމަވެސް މިއަދާ ހަމަޔަށްވެސް ރާއްޖޭގައި މިފަދަ ރިމާންޑް ސެންޓަރެއް ގާއިމުވެފައެއް ނެތެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މަސްތުގެ ވަބާގައި ޖެހި ފަރުވާއަށް ހުކުމް ކުރާމީހުން ފަރުވާ ލިބެންދެން ތިބޭނެ ރިމާންޑް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް މިދިޔަ މަސްތެރޭގައި ފަށާފައިވާ ކަމަށެވެ. އެހެން ކަމުން މިކަމަށްވެސް އެދެވޭ ހައްލެއް ލިބޭނެ ކަމުގެ އުއްމީދު ކުރެވެ އެވެ.

ގއ. ވިލިނގިލީގައި އިއްޔެ ހުޅުވި އައުޓްޕޭޝަންޓް ކޮމިއުނިޓީ ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސާވިސަސް ސެންޓަރު (ދަގެނާ) އާއެކު އަތޮޅުތެރޭގައި ތިބި މިފަދަ އެތައް ޒުވާނުންގެ އުއްމީދެއް އާވެއްޖެ އެވެ. މި ސެންޓަރު ހުޅުއްވައިދެއްވައި ނައިބު ރައީސް ފައިސަލް ނަސީމް ދެއްކެވީވެސް އުއްމީދީ ވާހަކަފުޅުތަކެވެ.

އެގޮތުން ފައިސަލް ނަސީމް ވިދާޅުވީ އެތައް އަހަރުތަކެއް ވީއިރު މަސްތުވާތަކެތީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބިފައިނުވާ ކަމަށެވެ. އެހެންވެ، ބަދަލު ގެނެސް، ކޮންމެ ކަމެއް ކޮށްގެން ވެސް އެކަން ކާމިޔާބު ކުރަން ޖެހޭ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ސިސްޓަމެއް އޮވެގެން ސިސްޓަމްގެ ތެރެއިން އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެ ނަމަ އެ ސިސްޓަމެއް ބަދަލުކުރަން ޖެހޭ ކަމަށެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި އެތައް ސަތޭކަ ޒުވާނުންނަށް މި މައްސަލަ ދިމާވެ ގައުމުގެ ތަރައްގީގައި އެ ޒުވާނުންނަށް ފުރުސަތު ލިބިފައި ނެތީ ކީއްވެގެންތޯ؟ ރަނގަޅު ނުކުރެވުނީ ކީއްވެގެންތޯ؟ މިއަދު އެންޑީއޭ ބޭފުޅުން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރަންޖެހޭ ކަމެއް. ބަދަލަކީ ހެޔޮ ކަމެއް، ހެޔޮ ކަމަކަށް ވަންޏާ ކުރަން ޖެހޭ. ބަދަލު ގެންނަނީ ރައްޔިތުން، ރައްޔިތުން ބަދަލު ގެނޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަކީ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވައި އެންޑީއޭ ހިންގުމުގައި ތިއްބެވި ބޭފުޅުންނާއި ޖެންޑާ މިނިސްޓްރީ އާއި މިކަމާ ގުޅުން ހުރި ފަރާތްތަކުން އެކަން ގަބޫލު ކުރަންޖެހޭ ކަމަށާއި އެހެން ނޫނީ ރަނގަޅު ފިޔަވަޅެއް ނޭޅޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެކި ރަށްރަށުގައި މަސްތުވާތަކެތީގެ މައްސަލަތައް ވަރަށް ބޮޑުކަން ފާހަގަ ކުރައްވައި ނައިބު ރައީސް ވިދާޅުވީ، އިޖުތިމާއީ މައްސަލަތަކަށް ވުރެ ބޮޑަށް ބޭނުންވެފައި މި އޮންނަނީ އިމާރާތްކުރުމާއި މަގުތާރު އެޅުން ފަދަ ލޮލަށް ފެންނަން ހުރި ކަންތައްތަކަށް އިސްކަންދީގެން މަސައްކަތް ކުރުން ކަމަށާއި އިޖުތިމާއީ ކަންތައްތަކަށް ދެވޭ ސަމާލުކަން އޮންނަނީ ކުޑަވެފައި ކަމަށެވެ. މީގެ ކުރިން އެގޮތަށް ދިމާވެފައި ހުރި ނަމަވެސް މި ސަރުކާރުން ކަންތައް ކުރާގޮތް މުޅިން ތަފާތުވާނެ ކަމަށް ވިދާޅުވި އެވެ.

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ވިލިނގިލި ކައުންސިލް އަދި ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގުޅިގެން ހުވަދުއަތޮޅަށް އަމާޒުކޮށް ވިލިނގިލީގައި މި ފެށި ހިދުމަތަކީ، ވިލިނގިލީގައި ގާއިމުވެފައި ހުރި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ކުލަބް ޖަމިއްޔާތަކާއި މުޅި މުޖުތަމައުގެ އެންމެން ގުޅިގެން އެހީތެރިވެދޭ ވަށައިޖެހޭ ނިޒާމެއްގެ ތެރެއިން ރާއްޖޭގައި ކޮމިއުނިޓީ ފަރުވާގެ ހިދުމަތްދޭން ފެށި މި ފަދަ ފުރަތަމަ ކޮމިއުނިޓީ ފަރުވާގެ ނިޒާމެވެ. މި ފަރުވާގެ ނިޒާމު ބައްޓަން ކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތެއް ފަރުވާ ނިންމައި މުޖުތަމައަށް ނުކުންނަ ހިސާބުން އޭނާ ދޫކޮށްނުލައި، އޭނާއަށް އެހީތެރިވެދިނުމުގެ ގޮތުން މުޅި މުޖުތަމައުގެ ބައިވެރިވުން ހިމެނޭގޮތަށް ގާއިމުކުރެވޭ ސަޕޯޓު ސިސްޓަމެއްގެ ތެރެއިންނެވެ.

ދަގެނާ އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ޑްރަގް ޑީޓޮކްސިފިކޭޝަނާއި ކައުންސެލިން އާއި ސައިކޯސޯޝަލް ސަޕޯޓާއި ޓްރޭނިން އާއި އަފްޓާކެއާގެ އިތުރިން އައުޓްރީޗް ހިމެނެ އެވެ.

އެހެން ކަމުން އިނދަޖެހިފައިވާ މަސްތުގެ ވަބާގެ ފަރުވާ ދަގެނާއާ އެކު ކޮޅަށް ޖެހޭނެ ކަމަށް އުންމީދު ކުރާ ޒުވާނުން މަދެއް ނޫނެވެ. ނައިބު ރައީސް ވިދާޅުވި ފަދައިން އެންޑީއޭގެ ހިންގުންވެސް ހަރުދަނާކޮށް ސަރުކާރުގެ "ޒީރޯ ޓޮލަރެންސް" ސިޔާސަތުގެ ދަށުން މިކަމަށްވެސް އެކަށީގެންވާ ހައްލު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމުގެ އުއްމީދުގައި އެތައް ޒުވާނުންނެއް މިހާރުވެސް އެބަތިއްބެވެ.