ޅ. ނައިފަރު ފެނާއި ނަރުދަމާގެ ނުނިމި ހުރި މަސައްކަތް ނިންމުމުގެ މަސައްކަތް ފެންކުންފުނިން ފަށައިފި އެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހާއި ނައިފަރު ކައުންސިލް ރައީސް ވިދާދު އަބްދުﷲ އެވެ.

މީގެ ކުރިން އެހެން ކުންފުންޏަކާ ހަވާލުކޮށްފައިވާ މި މަސައްކަތް ސަރުކާރުން ބޭނުންވާ ހަލުވި ސްޕީޑުގައި ނުގޮސް ނިންމަން އެއްބަސްވި ތާރީހަށް ނިމިފައި ނުވާތީ އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ސަރުކާރުން ވަނީ ބާތިލު ކޮށްފަ އެވެ. އަދި މި މަޝްރޫއުގެ ނުނިމި ހުރި މަސައްކަތް ނިންމުމަށް އެމްޑަބްލިއުއެސްސީ އާ ވަނީ ހަވާލުކޮށްފައިވަނީ މިއަހަރުގެ އޮގަސްޓް މަހުގަ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ނައިފަރުގެ ފެނުގެ މަޝްރޫއުގެ ނުނިމި ހުރި މަސައްކަތުގެ ތެރެއިން، ފެން ހޮޅީގެ މައި ނެޓްވޯކްގެ ނުނިމިވާ ތިން ކިލޯ މީޓަރުގެ ފެން ހޮޅި އެޅުމާއި، އާރްއޯ ޕްލާންޓްގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި އާރްއޯ ޕްލާންޓް ބަހައްޓާ އިމާރާތުގެ ނުނިމި ހުރި މަސައްކަތް ކުރާނެ ކަމަށެވެ. އަދި ފެން ރައްކާ ކުރުމަށް ބަހައްޓާފައިވާ ތާންގީތަކުގެ ނުނިމި ހުރި މަސައްކަތާއި، ބޯހޯލް އަދި ރިޖެކްޓް ލައިންގެ މަސައްކަތް ކުރުން ވެސް ހިމެނޭ ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ.

މި މަސައްކަތް ނިމުމުން ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށް ދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މީގެ އިތުރުން މި މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާގެ މައި ނެޓްވޯކްގެ ނުނިމިވާ 3.5 ކިލޯ މީޓަރުގެ ނެޓްވޯކް ގާއިމް ކުރުމާއި، 360 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ޕަމްޕް ސްޓޭޝަންގެ އިލެކްޓްރޯ މެކޭނިކަލްގެ މަސައްކަތާއި އެއް ސީ އައުޓް ފޯލް ގާއިމް ކުރުން ހިމެނެ ކަމަށް ފެން ކުންފުނިން ވަނީ ބުނެފަ އެވެ. އަދި ވޭލް ޗެމްބަރު ބެހެއްޓުމުގެ މަސައްކަތާއި އެސްޓީޕީ ބިލްޑިންގެ ނުނިމި ހުރި މަސައްކަތާއި އެސްޓީޕީގެ ސިވިލް އަދި އިލެކްޓްރޯ މެކޭނިކަލް މަސައްކަތް މި މޝްރޫއުގެ މަސައްކަތް ތެރޭގައި ހިމެނޭ ކަމަށްވެސް އެ ކުންފުނިން ބުނެ އެވެ.

މި މަސައްކަތް ނިމުމުން ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެ އެވެ. މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ފެން ކުންފުންޏާ މި މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ ޖުމުލަ ފަސް މަސް ދުވަސްތެރޭގައި މަސައްކަތް ނިންމުމަށެވެ.